ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ރިޔާސަތަށް ވަޑައިގެންފައި ނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށްބުނެ ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ، މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފްއެވެ.
މި އިމްތިޔާޒުގެ މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ޝަރީފް ވިދާޅުވީ، މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި ރައްޔިތުންގެ މަޖިލިސް ހުއްޓުވާފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަކީ އެންމެ ބޮޑު ހިޔާނާތް ކަމަށާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަނީ އެންމެ ބޮޑު ހިޔާނާތުން ހިޔާނާތްވެވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މަޖިލިސް ގަަވާއިދުގެ 205 ވަނަ މާއްދާގެ (ހ)ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲގެ މައްސަލަ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ގަރާރު މަޖިލީހަށް ލިބޭތާ ތިން ދުވަހުގެ ތެރޭގައި އެކަމާބެހޭ ނޯޓިސް މަޖިލީހުގެ އަމީންއާއްމު މަޖިލިސް މެންބަރުންނަށާއި މަޖިލީހުގެ ނައިބު ރައީސަށް ދިމަށްފަހު އެ ނޯޓިސްގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު އެޖެންޑާ ކުރަން ޖެހޭނެ ކަމަށް ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ރިޔާސަތު ބަލަހައްޓަން ޖެހޭނީ މަޖިލީހުގެ ރައީސް ކަމަށް އެ މާއްދާގެ (ބ) ގައި ބުނާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މިއަދާ ހަމައަށްވެސް މަޖިލިސް ރައީސް، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އިންކާރު ކުރައްވައި، މަޖިލީހުގެ އިމްތިޔާޒަށް އަރައިވަޑައިގެން، މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއާ ހިލާފަށް އެމަނިކުފާނު އަމަލު ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މަޖިލިސް ރައީސް އިތުބާރު ނެތްކަމުގެ މައްސަލަ އެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށްވެސް މަޖިލީހުގެ ރައީސް ދެކޮޅު ހެއްދެވުމަށްފަހު، "ހަމަ އެދުވަހު މަޖިލީހުގެ ކުޑަ ދަށުގައި އަދި މަޖިލީހުގެ އެހެނިހެން ކަންކަމުގައި މަޖިލިސް ރައީސް ހަރަކާތްތެރިވެ ވަޑައިގެންފައިވޭ،" ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީހުގެ ގަވާއިދާ ހިލާފަށް އަމަލު ކުރެއްވުމުގެ ސަބަބުން، ނައިބު ރައީސްގެ މައްސަލަ އެޖެންޑާ ކުރި ޖަލްސާ ކުރިއަށް ނުގެންދެވޭގޮތަށް، މަޖިލިސް ކުރެއްވި އަމަލު ފުޅަކީ، މަޖިލިސް ގަވާއިދުގެ 182 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މުޅި މަޖިލީހުގެ ހައްގަށް މަޖިލިސް ރައީސް އަރައިގަތުން ކަމަށާއި "މުޅި ޖުމްލަ ގޮތެއްގައި މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ އަމަލެއް، އެހެންވީމާ އިމްތިޔާޒާ ބެހޭ މައްސަލައިގައި ގޮތެއް ނިންމުމަށް މައްސަލަ ހުށަހަޅަން،" ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސް ކުރުމާމެދު ގޮތެއްނިންމުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން އެ މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް 37 މެންބަރުން ވޯޓު ދެއްވިއެވެ. އެ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ. ފާސްކުރަން ބޭނުން ވަނީ 26 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު