ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" އިން އުފައްދާ އާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" މިއަދުގެ ވަގުތެއްގައި ރަޖިސްޓްރީކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި އޮތް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އެ ޕާޓީގެ 12 މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުނީ މިދިޔަ މަހުގެ 21ގައެވެ. އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ މިދިޔަ މަހުގެ 24ގައެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް، ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް އިލެކްޝަނުން ދިނެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން 3560 ފޯމް އީސީއަށް ހުށަހެޅީ މި މަހުގެ އެއް ވަނަ ދުވަހުއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ރަޖިސްޓަރީ ލިބުން ލަސްވާ ކަމަށް ބުނެ، ޑިމޮކްރެޓްސްގެ އިސް ފަރާތްތަކުން މިހާރު އަންނަނީ އިލެކްޝަން ކޮމިޝަންގައި ހަރަކާތްތެރިވަމުންނެވެ.

އެކަމާ ގުޅިގެން އީސީގެ ރައީސް ފުއާދު "ވަން" އަށް މިއަދު ވިދާޅުވީ، ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކުރަމުން އަންނަ ކަމަށާއި މައްސަލަ އުޅެނީ ވަރަށް މަދު ފޯމެއްގައި ކަމަށެވެ.

"އަޅުގަނޑުމެން ކުރިން ބެލީ މިއަދު ރަސްމީ ގަޑީގައި ރަޖިސްޓްރީ ހަވާލު ކުރެވޭނެ ކަމަށް. އެހެންނަމަވެސް މިހާރު މި ބަލަނީ އިރުއޮއްސޭ އިރު ނޫނީ ޔަގީނުންވެސް މިރޭ 8:00 ގެ ކުރިން ހަވާލު ކުރެވޭނެ ކަމަށް،" ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ، މައްސަލަ އުޅޭ ފޯމުތަކުގައިވެސް ހުރީ ވަރަށް ކުދިކުދި މައްސަލަތައް ކަމަށެވެ.

"ދަ ޑިމޮކްރެކްޓްސް" އިން ވަނީ އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަރު ނެރޭނެކަން ވެސް އިއުލާނުކޮށްފައެވެ.