އެމްޑީޕީން އެ ޕާޓީގެ ހަރުގޭގެ ގޮތުގައި ބޭނުންކުރަމުން އައި، ހ. ވެޔޮވިލާގައި ހުރި އެޕާޓީގެ މުދާ، އެތަނުން ނެރުމަށަށް އަމުރުކޮށްދިނުމަށާއި އެ އަމުރު ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރުކުރަން ޖެހޭ ތަނެއް ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ނިމެންދެން އެމްޑީޕީގެ ހަރުގޭގެ ގޮތުގައި ބޭނުން ކުރަން ހ.ވެޔޮވިލާ އެމްޑީޕީއަށް ދިނުމަށް، އެގޭގެ ވެރިފަރާތް ޝަފިއްޔާ ޒުބެއިރު، ވެފައިވާ އެއްބަސްވުމާ އޭނާ ހިލާފުވެ ކުއްލި ގޮތަކަށް އެތަނުން ނިކުންނަށް އައްގާފައިވާކަމަށްބުނެ އެ އީ ބާތިލު އެންގުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޝަފިއްޔާ ޒުބެއިރާ ދެކޮޅަށް އެމްޑީޕީގެ ފަރާތުން ސިވިލްކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފައެވެ.
އެމްޑީޕީން އެ ކޯޓަށް މައްސަލަ ހުށަހެޅީ، އެޕާޓީ ތެރޭގައި އުފެދުނު ދެބަސްވުމުގެ ތެރެއިން އެ ޕާޓީން ވަކިވި، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން "ދަ ޑިމޮކްރެޓްސް" ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ހަރަކާތްތައް ހިންގުމަށްޓަކައި، ގޭގެ ވެރިފަރާތުގެ ހުއްދައާއެކު އެ ތަނަށް ވަދެ އެތަނަކީ "ދަ ޑިމޮކްރެޓްސް"ގެ ހަރުގޭގެ ގޮތުގައި ބޭނުންކުރަން ފެށުމާ ގުޅިގެންނެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު، މައްސަލަ ނިމެންދެން އެމްޑީޕީ އަތުން އެތަން އަތުނުލެވޭނެ ކަމުގެ އަމުރަކަށްވެސް އެމްޑީޕީން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ އަމުރު ކޯޓުން ނެރެއެއް ނުދިނެވެ.
އެއާއި ގުޅިގެން ދައުވާ ލިބޭ، ޝަފިއްޔާ ޒުބެއިރުގެ ފަރާތުން، ސިވިލް ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާފައިވާ ހުށަހަޅުމުގައި ވަނީ، އެމްޑީޕީގެ ހައްގެއް ހ،ވެޔޮވިލާއަށް މިވަގުތު ނެތުމުން އެ ފަރާތުގެ މުދަލެއް އެ ބިމުގައި ބެހެއްޓުމަކީ ގޭގެ ވެރިފަރާތަށް އޭގެ ސަބަބުން މާލީ ގެއްލުން ލިބެމުންދާ ކަމެއް ކަމަށާއި، އަމިއްލަ މުދަލުން ޕާޓީ މަހުރޫމްވުން ރައްކާތެރި ވުމުގެ ނިޔަތުގައި، އަދި ދެ ފަރާތުގެ މަސްލަހަތަށް ބަލައި، ސިވިލްކޯޓުން އަމުރު ކުރާތާ 48 ގަޑިއިރުގެ ތެރޭގައި އެތަނުގައި ހުރި އެމްޑީޕީގެ މުދާ، ނަގައިދިނުމަށް އަމުރު ކޮށްދެއްވައި، އެ އަމުރު ތަންފީޒު ކުރުމަށް ފުލުހުންނަށް އަމުރު ކޮށްދިނުމަށް އެދޭކަމަށެވެ.
އެކަމާ ގުޅިގެން ސިވިލްކޯޓުން ނިންމި ނިންމުމުގައި ވަނީ، އަސްލު މައްސަލައިގެ ލިޔެކިޔުންތައް އެއް ފަރާތުން އަނެއް ފަރާތަށް ރައްދު ކުރުމުގެ މަރުހަލާ މިހާރުވެސް ކުރިއަށްދާ ކަމަށެވެ. ކޯޓު އަމުރަކަށް އެދި ޝަފިއްޔާގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގައި ހިމެނޭ ކަންތައްތަކަށް ބަލާއިރު، ޝަފިއްޔާ ޒުބައިރުގެ ފަރާތުން އެދިފައިވާ ފަދަ ކޯޓުއަމުރެއް މި ހިނދަށް ނެރެދޭން ޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅާ ކަމަށްވެސް ސިވިލް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު