ބިދޭސީންތަކެއް ގެންނަން ސަދަން އެންޓަޕްރައިސަސް ޕްރއިވެޓް ލިމިޓެޑުން، ބެހެއްޓި ފައިސާ، އެ ފަރާތަށް ދޫ ކުރުމަށް ސިވިލްކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ނެރުމާމެދު ގޮތެއް ނިންމުމަށް ހައި ކޯޓުން ސިވިލްކޯޓަށް އަންގައިފިއެވެ.
މި މައްސަލައަކީ ސަދަން އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް އިން 63 ބިދޭސީން ގެނައުމަށް ޑިޕޮސިޓްގެ ގޮތުގައި ފަސްލައްކަ ހަތަރުހާސް ރުފިޔާ ދައުލަތުގެ ކަމާބެހޭ ފަރާތުގައި ބަހައްޓާފައި ވަނިކޮށ،ް ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ގިނަ އަދަދެއްގެ ކުންފުނި އުވާލުމުގެ ތެރޭގައި އެ ކުންފުނި އުވާލުމަށް ކަނޑައެޅިއިރ،ު އެ ފައިސާ އެ ކުންފުންޏަށް ހަވާލުކޮށްފައި ނުވާތީ، އެފައިސާ އެ ކުންފުންޏާ ހަވާލުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މައްޗަށް އަމުރުކޮށްދިނުން އެދި އެ މިނިސްޓްރީގެ މައްޗަށް ސަދަން އެންޓަރޕްރައިސަސް އިން ސިލް ކޯޓުގައި ކުރި ދައުވާއެކެވެ.
މި މައްސަލައިގެ ދިފާއު ހުށަހަޅަން ދައުލަތަށް ދިން މުއްދަތުގައި ދިފާއު ހުށަނޭޅުމުން މައްސަ ނިންމާފައިވަނީ ދައުލަތުގެ ގައިރު ހާޒިރުގައެވެ.
މި މައްސަލައިގައި ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ ބިދޭސީން ގެނައުމަށް ޑިޕޮސިޓްގެ ގޮތުގައި ފަސްލައްކަ ހަތަރުހާސް ރުފިޔާ ސަދަން އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ބަހައްޓާފައިވާކަން ސާބިތުވާކަމަށެވެ. އެހެންކަމުން އެފައިސާ އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް/ދައުލަތުގެ ފަރާތުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާކަމަށް ސިވިލްކޯޓުން ވަނީ ކަނޑައަޅައިފައެވެ.
މި ހުކުމް މުރާޖައާ ކުރުމަށް އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. އެއާއެކު ހުކުމް މުރާޖައާ ކުރުމުގެ މައްސަލަ ނިމެންދެން، އެ ފައިސާ ދައްކަން ކުރި އަމުރު ފަސްކޮށްދިނުމުގެ އަމުރަކަށްވެސް ދައުލަތުން ސިވިލް ކޯޓުގައި އެދުނެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމާފައިވަނީ އެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރު ނެރުމުގެ ބާރަކީ އެ ކޯޓަށް ލިބިގެންވާ ބާރެއްނޫން ކަމަށެވެ. މި ނިންމުން ސިވިލް ކޯޓުން ބިނާކޮށްފައި ވަނީ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރުމުގެ ބާރަކީ މަތީ މަރުހަލާގެ ކޯޓުތަކަށް ލިބިދޭ ބާރެއްކަން މަދަނީ އިޖުރާއަތުގެ ގާނޫނުގެ 364 ވަނަ މާއްދާއިން އެނގެން އޮތުމާއ،ި ގައިރު ހާޒިރުގައިކުރާ ހުކުމް މުރާޖައާ ކުރުމުގައި ކޯޓަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރުކުރުން ހިމެނޭކަމަށް މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންވެގެން ނުވުމެވެ.
ނަމަވެސް ދައުލަތުގެ ފަރާތުން އެ ނިންމުން ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުގެ ނިންމުމުގައި ވަނީ، ވަގުތީ އަމުރާ ބެހޭގޮތުން ސިވިލްކޯޓުން ކުރި ހުކުމް ބާތިލު ކޮށްފައެވެ. އަދި އެ މައްސަލައިގެ ނިންމުމުގައި ހައިކޯޓުން ކަނޑައަޅާފައިވާ އުސުލަށް ރިއާޔަތްކޮށް ހުކުމް ފަސްކުރުމާމެދު ގޮތެއްް ކަނޑައެޅުމަށް އެ މައްސަލަ އަލުން ސިވިލްކޯޓަށް ފޮނުވަން ހުކުމް ކުރާކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު