ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓޔގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ހުރިހާ ޓަވަރެއްގެ ފައުންޑޭޝަން މަސައްކަތް ނިމިފައިވާ ކަމަށާއި އެއް ޓަވަރުގެ ސްޓްރަކްޗާ އެއްކޮށް ނިމިފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.

"އަމާން"ގެ ނަމުގައި ސަރުކާރުން ހިންގާ ހައުސިން ޕްރޮޖެކްޓު ކުރިއަށްގެންދަނީ ދެ ބަޔަކަށް ބަހާލައިގެން، ދެ މަޝްރޫއެއްގެ ގޮތުގައެވެ. އެއީ އިންޑިއާގެ އެންބީސީސީ އާއި ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކެކެވެ. އޭގެ ތެރެއިން ކޮންމެ މަޝްރޫއެއްގައިވެސް 2،000 ހައުސިން ޔުނިޓު އަޅާނެއެވެ. ކޮންމެ ކުންފުންޏަކުން 16 ޓަވަރު އިމާރާތް ކުރާގޮތަށް މުޅި މަޝްރޫއުގައި ޖުމުލަ 32 ޓަވަރު ހަދާނެއެެވެ. އަދި ކޮންމެ ޓަވަރެއްގެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނާނެއެވެ. އެއީ ތިން ކޮޓަރީގެ އެޕާޓްމަންޓާއި ދެ ކޮޓަރީގެ އެޕާޓްމަންޓެވެ.

އެ މަޝްރޫއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެފްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު އަހުމަދު ޝަމޫލް އަބްދުﷲ މިއަދު ވިދާޅުވީ، މިހާރު އެއް ޓަވަރުގެ ސްޓްރަކްޗާ ނިމިފައިވާ ކަމަށާއި އެ ޓަވަރުގެ ފިނިޝިން މަސައްކަތް ކުރިއަށް އޮތް ދެތިން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިދިޔަ ހަފުތާގެ ތެރޭގައި އަޅުގަނޑުމެންނަށް އެއް ޓަވަރުގެ ސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމި، އެ ޓަވަރުގެ ފިނިޝިން މަސައްކަތް މިހާރު ކުރިއަށްދަނީ. އަޅުގަނޑުމެންގެ އަމާޒަކީ އެންމެ ފުރަތަމަވެސް ޕްރޮޖެކްޓްގެ ޓައިމްލައިނާ އެއްގޮތަށް މަސައްކަތް ޑެލިވާކުރުން،" ޝަމޫލް ވިދާޅުވިއެވެ.

ޖޭއެމްސީގެ ޕްރޮޖެކްޓްގެ 35 ޕަސެންޓު މަސައްކަތް ނިމުނު އިރު، އެންބީސީސީގެ މަސައްކަތް ވަނީ 31 ޕަސެންޓަށް ނިމިފައެވެ.

މި މަޝްރޫއު އަންނަ އަހަރަށް ނިމޭނެ ކަމަށް ކުރިން ލަފާކޮށްފައިވީ ނަމަވެެސް، އެފްޑީސީގެ ޗީފް އޮފް އޮޕަރޭޝަންސް ނަޝްވާ ހަމީދު ވިދާޅުވީ އެންބީސީސީއާ ހަވާލުކޮށްފައިވާ 16 ޓަވަރުގެ މަސައްކަތް ނިމޭނީ 2025ގެ ފުރަތަމަ ކުއާޓަރުގައި ކަމަށާއި ނަމަވެސް ޖޭއެމްސީން ހަދާ 16 ޓަވަރު ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅަށް ކަމަށެވެ. އަދި އެ ޓަވަރުތަކުގެ ތެރެއިން އަށް ޓަވަރެއް މިއަހަރުގެ ނިޔަލަށް ނިންމައިލެވޭނެކަން ވެސް ފާހަގަކުރެއްވިއެވެ.

"ޖޭއެމްސީގެ މަޝްރޫއުގެ 35 ޕަސެންޓް ވަނީ ނިމިފަ. އެންބީސީސީގެ މަޝްރޫއުގެ 31 ޕަސެންޓް ވަނީ ނިމިފަ. ޖޭއެމްސީގެ މަޝްރޫއު ނިމޭނީ 2024ގެ ފަހުކޮޅަށް. އެންބީސީސީގެ މަޝްރޫއު ނިމޭނީ 2025ގެ ކުރީކޮޅަށް،" ނަޝްވާ ވިދާޅުވިއެވެ.

އެފްޑީސީން ބުނި ގޮތުގައި އަމާން އުދަރެސް ފްލެޓުތަކަކީ، މިހާތަނަށް ސަރުކާރުން ހިންގި ހައުސިން މަޝްރޫއެއްގައި އެންމެ ޖާގަ ތަނަވަސްކޮށް ތަރައްގީކުރާ ފްލެޓުތަކެވެ. އަދި މި ޓަވަރުތައް ފަރުމާކޮށްފައިވަނީ މީގެ ކުރީގެ ހައުސިން ސްކީމްތަކުގައި ދިމާވި ބައެއް މައްސަލަތައް ދިމާނުވާނޭ ގޮތަށް ކަމަށާއި އެގޮތުން ބަލި މީހުން އުފުލައި ބޭލުމަށް ކޮންމެ ޓަވަރެއްގައި ސްޓްރެޗާއެއް އެރުވޭ ވަރުގެ ޖާގަ ތަނަވަސް ލިފްޓެއް ގާއިމުކުރާނެ ކަމަށް އެފްޑީސީން ބުންޏެވެ.

އޭގެ އިތުރުންވެސް ސަލާމަތީ ގޮތުންވެސް މުހިއްމު ކަންކަން މި ފުލްޓުތަކުގައި ގާއިމުކުރެވިފައިވާ ކަމަށާއި އެގޮތުން ކޮންމެ އެޕާޓްމަންޓެއް އާއްމުންނާ ހަވާލުކުރާ އިރު، ފަޔާ ބްލޭންކެޓަކާއި އަލިފާން ނިއްވާ ފުޅިއެއް ހުންނާނެ ކަމަށް އެފްޑީސީން ބުންޏެވެ. އަދި މި އެޕާޓްމަންޓްތަކުގެ ދޮރުތަކަކީ، ފަޔާ ރޭޓެޑް ދޮރުތަކެއް ކަމަށްވެސް ބުންޏެވެ.