އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓު (އީއައިއޭ) ނުހަދައި ބ. ކުންފުނަދޫ، ސޮނެވާފުށި ރިސޯޓްގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ކުރުމުން ބަނީ ހޯލްޑިންގްސް ލިމިޓެޑް ލިމިޓެޑް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހޯލްޑިންގެ ފަރާތުން އީއައިއޭ މަރުހަލާ ފުރިހަމަ ނުކޮށް، ސޮނޭވާފުށީގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާ ގުޅިގެން އެ މައްސަލަ ބެލި ކަމަށެވެ.

"އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މައުލޫމާތުންނާއި ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމުން އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި ސޮނެވާފުށީގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަން މި އެޖެންސީއަށް ކުރެވިފައި،" ބަޔާނުގައި ބުންޏެވެ.

އެހެންވެ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކޮށް އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން މިދިޔަ ހޯމަ ދުވަހު ބަނީ ހޯލްޑިންގްސް ވަނީ 20،000 ރުފިޔާއިން ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އީޕީއޭ އިން އަންގައިފައެވެ.

ސޮނެވާފުށީގެ ފަޅުތެރޭގައި ތޮށިބުރިތަކެއް ޖެހުމާއި މުރަކަ އާލާކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާ ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީއައިއޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ބެލުމަށް ފަހު އެކަމާ ގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް ވެސް އީޕީއޭ އިން ވަނީ ބަނީ ހޯލްޑިންގްސްއަށް އަންގައިފައެވެ.