ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހަރަދުގައި ތިން މުވައްޒަފަކަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފިއެވެ.
އެސްޓީއޯއިން އިއްޔެ ބުނީ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދީފައިވަނީ އެސްޓީއޯ ޏ. ފުވައްމުލަށް ފިހާރަ، އެސްޓީއޯ ސ. ފޭދޫ ފިހާރަ އަދި ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެސެލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކަމަށެވެ. އެ މުވައްޒަފުން ހައްޖަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު އިއްޔެ ވަނީ ހައްޖަށްދާ މުވައްޒަފުންނާ ބައްދަލަކުރައްވައިފައެވެ.
ހުރިހާ ހަރަދަކާ އެކު އެސްޓީއޯއިން މުވައްޒަފުން ހައްޖަށް ފޮނުވުމުގެ ސްކީމް ތައާރަފުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. މި ސްކީމްގެ ދަށުން ހައްޖަށް ދިއުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅެނީ މީގެކުރިން ހައްޖެއް ވެފައިނުވާ ދިވެހި މުވައްޒަފުންގެ ތެރެއިން އެ ކުންފުންޏަށް 10 އަހަރު ހިދުމަތް ކޮށްފައިވާ ފަރާތްތަކަށެވެ.
އަދި ހައްޖަށް ދިއުމަށް އެޕްލިކޭޝަން ހުށަހަޅާ މުވައްޒަފުންގެ ތެރެއިން އެއް ޖާގަ ހާއްސަ ކުރެވެނީ އުމުރުން އެންމެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ތެރެއިން ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ އަދި މަސައްކަތަށާއި ހާޒިރީއަށް އެންމެ ރަގަނޅު މުވައްޒަފަށެވެ. އިތުރު ޖާގަ ހޮވަނީ ގުރުއަތުންނެވެ.
ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެކުންފުނިން ހައްޖުގެ އަޅުކަން އަދާކުރުމަށް ހޮވުނު މުވައްޒަފުންނަށް އެ އަހަރު ހައްޖަށް ދިއުމުގެ ފުރުސަތު ނުލިބުނު ނަމަވެސް އެ ފަރާތްތައް މިދިޔަ އަހަރާއި މިއަހަރު ހައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ވަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް އެކުންފުނީގެ މުވައްޒަފުން ހައްޖަށް ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު