ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިދިޔަ ހަތް އަހަރު ހުރި، ފާތިމާ ސަމޫރާ އެމަގާމުން ވަކިވެވަޑައިގަންނަވާން ނިންމަވައިފިއެވެ.

ފާތިމާ ސަމޫރާ، 60، ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަން ކޮށްފައި ވަނީ 2016 ވަނަ އަހަރުއެވެ. އޭނާ ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ދުރަށް ވަޑައިގަތުމަށް ނިންމަވައިފައިވަނީ މިއަހަރުގެ އަންހެން ވޯލްޑް ކަޕަށްފަހުއެވެ. މިއަހަރުގެ އަންހެން ވޯލްޑް ކަޕް އޮންނާނީ އޮސްޓްރޭލިއާ އާއި ނިއުޒީލެންޑްގައެވެ. މިއަހަރުގެ ފީފާ އަންހެން ވޯލްޑް ކަޕް އޮންނާނީ ޖުލައި 20 އިން އޮގަސްޓް 20 ވަނަ ދުވަހާ ހަމައަށެވެ.

ފާތިމާ ސަމޫރާއަކީ ފީފާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވި ފުރަތަމަ އަންހެން ބޭފުޅާއެވެ. އޭގެ އިތުރުން އޭނާއަކީ ޔޫރަޕްގެ ބޭރު ގައުމަކުން އައްޔަން ކުރި ފީފާގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްއެވެ. ފީފާގެ ރައީސް ކަމަށް ޖިއާނީ އިންފަންޓީނޯ ހޮވިވަޑައިގެން، ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ފާތިމާ ސަމޫރާ އައްޔަންކުރެއްވުންވީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވިވެސް ކަމަކަށެވެ.

"އަހަރެން މިމާގަމު ފުރީ ވަރަށް ފަހުރުވެރިކަމާއެކު. ފީފާއަކީ މިއަދު ރަނގަޅަށް ހިނގަމުން އަންނަ، ދެފުށް ފެންނަ، އަދި މީހުންގެ އިތުބާރު ކުރިއަށްވުރެ ބޮޑަށް ލިބިފައިވާ އިދާރާއެއް. އަހަރެން ފީފާ ދޫކޮށްލާނީ ކުރެވުނު މަސައްކަތް ބަލައިގަންނާނެ ކަމަށް ހީކުރަމުން،" ކުރިން ސެނެގާލްގެ ޑިޕްލޮމެޓް، އަދި އދ ގެ އޮފިޝަލު ފާތިމާ ސަމޫރާ ވިދާޅުވިއެވެ.

ސަމޫރާ އިތުރަށް ވިދާޅުވީ މިވަގުތު ފޯކަސް ހުރީ ކުރިއަށް އޮތް އަންހެން ވޯލްޑް ކަޕް ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދިނުމަށް ކަމަށާއި، ފީފާ ދޫކޮށްލަނީ އާއިލާއަށް އިތުރު ވަގުތު ދޭން ބޭނުންވާތީ ކަމަށެވެ.

ފީފާގެ ރައީސް އިންފަންޓީނޯވެސް ވަނީ ފާތިމާ ސަމޫރާ ފީފާގައި އަދާކުރެއްވި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. އިންފަންޓީނޯ ވިދާޅުވީ ފާތިމާ ސަމޫރާއަކީ ގާބިލު ބޭފުޅެއްކަން ފުރަތަމަ ދުވަހުވެސް އެނގިވަޑައިގެންނެވި ކަމަށާއި، ސަމޫރާއަކީ މަސައްކަތަށް ނަމޫނާ ކަނބަލެއް ކަމަށެވެ.