ތޫފާނުގެ ނުރައްކާ ބޮޑުވެ އިންޑިއާއާއި ޕާކިސްތާނުގެ ބައެއް ސަރަހައްދުތަކުން މީހުން ހުސްކުރަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު އަރާނެކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކޮށްފައިވާ ތޫފާން ބައިޕާޖޯއީ އިންޑިއާ އާއި ޕާކިސްތާނުގެ ހުޅަނގު ސަރަހައްދަށް މިސްރާބު ޖަހާފައިވާއިރު ދެގައުމުން ވެސް އަންނަނީ އެކަމަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ އަރަބި ކަނޑުގައި އުފެދިގެން އަންނަ އެ ތޫފާނު އިންޑިއާގެ ގުޖުރާތު ސްޓޭޓުގެ ކުޗް ސަރަހައްދަށް އަރާނެ ކަމަށް އިންޒާރު ދީފައެވެ.

ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތޫފާން ދަތުރުކުރަމުން ދާގޮތުން އެގައުމުގެ ވެރިރަށް ކަރާޗީގެ ސިދް ޕްރޮވިންސުގެ އައްސޭރިފަށު ސަރަހައްދަށް އަރާނެކަމަށް ބުނެފައެވެ.

އިންޑިއާއަށް ތޫފާނުގެ އަސަރު ކުރަން ފަށާފައިވާއިރު، ބޯކޮށް ވާރޭ ވެހި ހިނގި ހާދިސާތަކުގައި ހަތް މީހަކު މަރުވެފައިވާކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ގުޖުރާތުން މިހާތަނަށް 38000 އަށް ވުރެން ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާއިރު އަދިވެސް އިތުރު ސަރަހައްދުތަކުން މީހުން ހުސްކުރަން ޖެހިދާނެ ކަމުގެ އިންޒާރު އޮފިޝަލުން ދީފައިވެއެވެ.

ޕާކިސްތާނުގެ އޮފިޝަލުން ވަނީ އެ ގައުމުން 65000 އަށްވުރެން ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް ބުނެފައެވެ.