ރަސްފަންނާ ދިމާ ކަނޑުމަތިން ހޭނެތިފައި އޮތް މީހަކު އޮޔާދަނިކޮށް ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު 4:44 ހާއިރު ރަސްފަންނާ ދިމާލުން މޫދުގައި މީހަކު ހޭނެތިފައި އޮއްވައި ފެނިގެން ފުލުހުންގެ އެހީތެރިކަމާއެކު ގެނެސް، އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. ހޭނެތިފައި އޮއްވައި ފެނުނީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މީހާ ހޭނެތިފައި އޮއްވައި ފެނުނީ ރަސްފަނުގައި ތިބި ބަޔަކަށެވެ. އެކަން ރިޕޯޓް ކުރީ އައިޖީއެމްއެޗް ކައިރީގައި ހުންނަ އެޕްޕީސީޑީ އަށެވެ.

ފުލުހުން އެ މީހާ ސަލާމަތްކުރާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފުލުސް މީހާ ފަތާފައި، ހޭނެތިފައިވާ މީހާ ކައިރިއަށް ދިޔައިރު ހޭނެތިފައި އޮތް މީހާގެ ގައިގައި އިތުރު މީހަކު ހިފަހައްޓައިގެން ހުންނަ މަންޒަރު ފެނެއެވެ. ފުލުސް މީހާގެ އެހީތެރިކަމާއެކު އެ މީހާ ވަނީ ރަސްފަންނުގައި ޖަހައިފައި ހުންނަ ރިވެޓްމެންޓަށް އަރުވައިފައެވެ.