މ. ފާގަތިގޭ އެޕާޓްމަންޓުތައް ކުއްޔަށްދީ، ސްކޭމް ހިންގި އިބްރާހިމް ހުނައިން އަހުމަދު ތިން އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހުނައިންގެ މަންމަ ސުލްތާމާ އަހުމަދުގެ، ގެ މ. ފާގަތިގޭގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފާގަތިގޭގެ ހަތަރުވަނަ ފަންގިފިލާގައި ހުރި ތިން ކޮޓަރީގެ އެޕާޓްމެންޓް މާލެ، ޝޭޑީހޯމް މުހައްމަދު ޒިޔާދަށް 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 19 އަހަރަށް ކުއްޔަށް ދިނުމަށް ވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން ޒިޔާދަށް އެ އެޕާޓުމެންޓް ހަވާލުކުރުމަށްފަހު އެތަނަކީ 19 އަހަރުގެ މުއްދަތަށް ކުއްޔަށް ދީފައިވާ ތަނެއްކަން އެނގިހުރެ، އެތަނުގައި ޒިޔާދުގެ ހައްގެއް އޮތްކަން ހާމަކުރުމެއްނެތި، އަދި އެތަން ހުސްކުރަން ޒިޔާދަށް ނާންގައި، އެ އެޕާޓްމެންޓު އދ. މާމިގިލި، ޕްރީޕާކް އަހްމަދު އަފްޒަލަށް 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ފަސް އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވުމެއް ހަދައި 27 މަހުގެ ކުލިކަމަށްވާ 364،500 ރުފިޔާ އަފްޒަލްގެ އަތުން ހުނައިން ވަނީ އަތުލައިފައެވެ. ނަމަވެސް އެ އެޕާޓްމެންޓް އަފްޒަލަށް ހަވާލުކޮށްފައައެއް ނުވެއެވެ.

އެހެންވެ ދައުލަތުން ވަނީ ހުނައިންގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާކޮށް، އަފްޒަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 364،500 ރުފިޔާ ނަގައިދިނުމަށް ދައުވާކޮށްފައެވެ.

ހުނައިންގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުން ވަނީ ހުނައިންގެ މަންމަ ސުލްތާމާ އަހުމަދު ހުށަހަޅައިފައެވެ. ސުލްތާނާ ހެކީގެ ގޮތުގައި ހުށަހެޅީ ގޭގެ އެޕާޓުމެންޓުތައް ކުއްޔަށް ދިނުމުގެ ހުރިހާކަމެއް ކުރަނީ ހުނައިންކަން ސާބިތު ކުރުމަށެވެ. ނަމަވެސް ސުލްތާނާގެ ހެކިބަސް ނަގައިފައެއް ނުވެއެވެ.

ހެކީގެ ގޮތުގައި ގެއްލުން ލިބުނު އަފްޒަލް ހުށަހެޅީ 27 މަސްދުވަހުގެ ކުލި ކަމަށްވާ 364،500 ރުފިޔާ ހުނައިންއާ ހަވާލުކުރިކަމާއި، އެ ފައިސާ ހަވާލުކުރިއިރު ހެކިންގެ ގޮތުގައި ތިބި މީހުންނަކީ ކޮބައިކަމާއި، އެއްބަސްވިގޮތަށް އެޕާޓްމެންޓް ލިބިފައިނުވާކަމާއި، އެޕާޓްމެންޓް ކުއްޔަށް ހިފުމަށް ހަރަދުވި ފައިސާ އަނބުރާ ލިބިފައިނުވާކަން ސާބިތު ކުރުމަށެވެ.

ދެން ހުށަހެޅި ދެ ހެކިވެރިންނަކީ އަފްޒަލް، ހުނައިންއަށް ފައިސާ ދިންއިރު އެތަނުގައި ތިބި މީހުންނެވެ. މީގެ އިތުރުން ދައުލަތުން ވަނީ ޒިޔާދު ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. އެއީ އޭނާ އެ އެޕާޓްމެންޓް ހިފިފަހުން އެތަން ހުސްކުރަން އެއްވެސް ފަރާތަކުން ނާންގާކަމާއި އަދި އެއްބަސްވުން ބާތިލުވެފައިނުވާކަން ސާބިތު ކުރުމަށެވެ.

އެ ހުރިހާ ހެކިވެރިން ހެކި ހުށަހެޅި ނަމަވެސް ހުނައިން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް އަފްޒަލްގެ އަތުން ކުލީގެ ގޮތުގައި 364،500 ރުފިޔާ ނެގިކަމަށް ހުނައިން އިންކާރުކޮށްފައެއް ނުވެއެވެ.

އެހެންވެ އެ މުއާމަލާތަކީ މަކަރާއި ހިލާތުން ކޮށްފައިވާ މުއާމަލާތެއްތޯ ބަލަންޖެހެއެވެ. އެކަން ބެލުމުގެ ގޮތުން ޝަރީއަތުން ވަނީ ޒިޔާދު ފުލުހަށް ދީފައިވާ ބަޔާނަށް ރިއާޔަތްކޮށްފައެވެ. ޒިޔާދު ފުލުހަށް ދިން ބަޔާނުގައި ބުނެފައިވަނީ " އެޕާޓްމެންޓް ކުއްޔަށް ހިފިފަހުން އެއްވެސް ފަރާތަކުން އޭނާއަށް ގުޅައިފައި އެތަން ހުސްކުރަން ނުވަތަ އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ވާހަކަ ދައްކާފައި ނުވާ" ކަމަށެވެ.

ޒިޔާދަށް އެޕާޓްމެންޓް ހުސްކުރަން ނުވަތަ އެއްބަސްވުން ބާތިލުވެފައިވާކަން އަންގާފައިނުވާތީ ޝަރީއަތުން ނިންމީ ހުނައިން، އަފްޒަލްގެ އަތުން 364،500 ރުފިޔާ އަތުލުމުގައި ގޯސް ނިޔަތެއްކަން އޮތްކަން ދޭހަވާ ކަމަށެވެ.

"ހެޔޮ ނިޔަތުގައި މި އެއްބަސްވުމަށް އައުމަށް މަސައްކަތްކޮށްފައިވާނަމަ، މުހައްމަދު ޒިޔާދާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެންމެ ކުޑަމިނުން ނޯޓިސްއެއް ފޮނުވާފައި އޮންނާނެކަން ޔަގީނެވެ. މި އެޕާޓްމެންޓަކީ މުހައްމަދު ޒިޔާދަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ތަނެއްކަން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އިބްރާހީމް ހުނައިން އަހުމަދު ހާމަކުރިނަމަ، މި މުއާމަލާތުގެ ނަތީޖާ ތަފާތުވާނެކަމާ މެދު ސަބަބުވެރި އިންސާނެއްގެ ނަޒަރުން ވިސްނާއިރު ޔަގީނެވެ..،" ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވިއެވެ.

އެ ހުރިހާކަމެއް އެގޮތަށް ހުރުމުން ދައުލަތުން ހުނައިންގެ މައްޗަށް ކުރި ދައުވާ ސާބިތުވެއްޖަކަމަށް ކަނޑައަޅައި އޭނާ ތިން އަހަރާއި ދެ މަހާއި ދެ ދުވަހަށް ޖަލަށް ލުމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި އަފްޒަލަށް 364،500 ރުފިޔާ މިއަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުގެ ކުރިން ސިވިލް ކޯޓު މެދުވެރިކޮށް ދެއްކުމަށް ވަނީ ހުކުމް ކޮށްފައެވެ.

ހުނައިންގެ މައްޗަށް ކުރި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ނަމަވެސް ގާޒީ ޝަފީއު ވިދާޅުވީ ބޯހިޔާވަހިކަމުގެ އަސާސީ ބޭނުން ފުއްދުމުގެ ގޮތުން ފައިސާ ނިގުޅައިގަނެ، އެފަދަ އެއްބަސްވުންތަކުގެ ނާޖާއިޒް ފައިދާ ނެގުމަކީ، ކުއްޔަށް ހިފާފަރާތަށް މާލީ ގޮތުން އަދި ނަފުސާނީ ގޮތުން ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެޕާޓްމެންޓް ހިފުމަށް ފައިސާ ދެއްކުމަށްފަހު، އެޕާޓްމެންޓް ލިބޭނެ ދުވަހެއް ނޭނގި އަދި ލިބޭނެކަމުގެ އުއްމީދުވެސް ނެތި ތިބެން ޖެހުމުން ގެއްލިގެންދަނީ އުމުރު ދުވަހު އެއްކުރި ފައިސާކަމަށް ގާޒީ ޝަފީއު ވިދާޅުވިއެވެ.

އެ ހާލަތަށް ރިއާޔަތްކޮށް އަދަބު ކަނޑައެޅުމުގައި ފަނޑިޔާރަށް ލިބިދޭ އިހުތިޔާރުގެ ތެރެއިން އަދަބު މަތި ކުރަން ޖެހޭކަމަށް ފާހަގަވާތީ، ހުނައިންގެ މައްޗަށް ގާޒީ ޝަފީއު އަދަބު ކަނޑައެޅީ އަދަބުގެ އަސާސީ މިންވަރަށްވުރެ ހަތަރު ދަރަޖައިގެ މިންވަރެއް އިތުރުކުރުމަށްފަހުއެވެ.