ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ފަސްޖެހި، ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، މަޖިލިސް ހަލަބޮލި ކުރުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ދީފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ފެށުނީއްސުރެވެސް އިދިކޮޅު މެންބަރުން އަޑުގަދަކުރަމުންދިޔަ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ޕާޓީތަކުގެ މަޝްވަރާއަށް ދެފަހަރެއްގެ މަތިން މެދުކަނޑައިލިއެވެ.

އިދިކޮޅު މެންބަރުން ނިޒާމީ މައްސަލަ ނެންގެވުމާއި، ބައެއް އެހެން މެންބަރުންގެ މޭޒުކޮޅު ކައިރިއަށް އެއްވެ އުނދަގޫ ކުރުމާއި، ޒުވާބު ކުރުމާއި މެންބަރުންގެ މައިކު ތިރިކުރުމުގެ ކަންތައް ކުރި ނަމަވެސް ރިޔާސަތުން އެއްވެސް މެންބަރެއްގެ ނަމެއް ނީއްވައެވެ.

މަޖިލިސް ތަޅުން ހޫނުވެގެން ދިޔައިރުވެސް، މެންބަރު އަފީފު ރިޔާސަތުގައި އިންނެވީ ހާސްކަމެއް ނެތިއެވެ.

އެންމެފަހުން ލިބިޑައިގެންނެވި، ފޯނު ކޯލަށް އަފީފު "އާދެ ނިންމާލަނީމި، ނިންމާލަން މި އުޅެނީ،" ކަމަށް ވިދާޅުވުމަށްފަހު، މަޖިލީހުގެ ނިޒާމު ގެއްލިފައިވާތީ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލެއްވީއެވެ.

އެކަމާ ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ވާގޮތުން، ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ކަމަކާ މެދު ގޮތް ނިންމޭނީ ނުވަތަ ބަހުސް ކުރެވޭނީ، މިހާރު ހުށަހަޅާފައިވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ފަހުގައި ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) އާއި 149 ވަނަ މާއްދާއަށް ރިއާޔަތްކުރާ އިރު މަޖިލީހުގެ ދާއިމީ ކޮމިޓީތަކަކީ ދެމިއޮންނަ ކޮމިޓީތައް ކަމަށް ވެސް ބުނެފައިވެއެވެ.

“މަޖިލީހުން އެހެން ގޮތަކަށް ފާސްނުކުރާހާ ހިނދަކު، މަޖިލީހުގެ ގަވާއިދު ބުނާގޮތުގެ މަތިން ކޮމިޓީތަކުގައި ތިބި މެމްބަރުން އެ ކޮމިޓީގައި ދެމިތިބޭނެ ކަމަށް ގަވާއިދުގައި ބުނެފައިވާތީ، މަޖިލީހުގެ މިއަދުުގެ ޖަލްސާ ކުރިއަށްގެންދަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފުރިހަމަ އެއްބާރުލުން ދިނީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ އާއި އިތުރު މުހިންމު މަސައްކަތްތަކެއް އެޖެންޑާކޮށްފައި އޮތުމުންނެވެ..،” ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އެމްޑީޕީ ޕީޖީ ގްރޫޕުން ބުނީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ތާވަލުކުރެވިފައި ވަނިކޮށް މަޖިލީސް ކުރިއަށް ގެންދިއުން ހުއްޓުވުމަކީ، ކަންބޮޑުވާ ކަމެއް ކަމަށާއި ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތްކުރުމަކީ މަޖިލިސް ކުރިއަށް ގެންދަން ކުރަން ޖެހޭ މުހިންމު މަސައްކަތްތަކަށްވާ އިރު، އެ މަސައްކަތް އެޖެންޑާކުރީ ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. ނަމަވެސް އެ މައްސަލައިގެ ބަހުސަށް ފުރުސަތު ނުދީ މިއަދުގެ ޖަލްސާ ފެށުމާއެކު މަޖިލީސް ހަލަބޮލިކުރަން ފުރުސަތު ދިނީ ރިޔާސަތުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ހުއްޓިފައިވާ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގު މަޖިލީހުގެ އިދާރާއިންނާއި މެމްބަރުން ފަހިކޮށްދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ އިލްތިމާސްކޮށްފައެވެ.