ގާނޫނު ހަރުދަނާކޮށް ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ފައިނޭންސިން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ރާއްޖެ އާއި އީޔޫގެ އިސް އޮފިޝަލުންގެ ދެ ވަފުދުގެ ދެމެދުގައި އިއްޔެ ކުރިއަށް ދިޔަ ހަތަރުވަނަ މަޝްވަރާ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. މި ބައްދަލުވުން އޮތީ ބެލްޖިއަމްގެ ވެރިރަށް ބްރުސެލްސްގައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި އީޔޫގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ފޯ އޭޝިއާ، މިޑްލް އީސްޓް އެންޑް ޕެސިފިކް އަދި ޑިރެކްޓާ ޖެނެރަލް ފޯ އިންޓަނޭޝަނަލް ޕާޓްނަޝިޕްސް ޕީޓަރިސް އުސްޓަބްސްއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާއި އެންޓި ކޮރަޕްޝަންގެ އަމަލުތައް ހަރުދަނާ ކުރުމަށް އީޔޫ އިން ޖުމްލަ ފަސް މިލިއަން ޔޫރޯ (83 މިލިއަން ރުފިޔާ) ހަރަދުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ފަސް އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ އަދުލު އިންސާފާއި އެންޓި ކޮރަޕްޝަން ދާއިރާގެ ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ އީޔޫގެ ކުރީގެ އިސްނެގުންތަކުން މި ދާއިރާއިން ލިބުނު ކާމިޔާބީތަކާއި ފިލާވަޅުތަކުގެ މައްޗަށް ބިނާކޮށް ފުރިހަމަވެގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.
އެގޮތުން މި ޕްރޮގުރާމުގެ ދަށުން ރާއްޖޭގެ ގާނޫނުތައް ހަރުދަނާކޮށް، ކޮރަޕްޝަންގެ އަމަލުތަކާ ދެކޮޅަށް ކުރާ މަސައްކަތް ހަރުދަނާ، ޒިންމާދާރު އަދި އެންމެން ހިމެނޭ އަދުލު އިންސާފުގެ ނިޒާމެއް އެކުލަވާލުމުގައި ގައުމަށް އެއްބާރުލުން ދިނުމާއި ރަނގަޅު ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުމާއި މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް، އާންމުންގެ ވިސްނުން ރަނގަޅުކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު