ފީފާ ރެފްރީ މުހައްމަދު ޖާވިޒް (ޖޭޑް) އާއި ފީފާ އެސިސްޓެންޓް ރެފްރީ ޖައުފަރު ރަޝީދަށް އިންޑިއާގައި މިހާރު ބާއްވަމުންދާ އިންޓަކޮންޓިނެންޓަލް ކަޕްގައި މެޗުތައް އިންސާފުކުރުމުގެ ފުރުސަތު ދީފިއެވެ.

އިންޑިއާގައި މި މަހުގެ 21 ވަނަ ދުވަހު ފެށުމަށް ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ އިންޑިއާ އާއި ލުބުނާނުން މިއަހަރު އިންޓަކޮންޓިނެންޓަލް ކަޕްގައި ވާދަކުރަމުން އަންނަ އިރު، މުބާރާތް ކުރިއަށް ދަނީ އިންޑިއާގެ ބުބަނެސްވާރުގެ ކަލިންގާ ސްޓޭޑިއަމްގައެވެ. މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މުބާރާތް ކުރިއަށްދާ އިރު، މީގެ ކުރިން ދެ ފަހަރު ބާއްވާފައި އޮތް މި މުބާރާތް މި އަހަރުގެ ސާފްގެ ކުރިން ބާއްވަން އިންޑިއާ އިން ތާވަލުކޮށްފައި ވަނީ އެ މުބާރާތަށް ރަނގަޅަށް ތައްޔާރުވުމަށެވެ. މި ފަހަރުގެ މުބާރާތުގައި ސާފްގައި ވާދަކުރާ ލުބުނާނާއި އިންޑިއާގެ އިތުރުން ވަނުއަޓޫ އާއި މޮންގޯލިއާއެވެ.

އިންޑިއާއިން މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ، ފައިނަލް ޔަގީން ކޮށްފައިވާ އިރު، އެޓީމުން ދެން ލީގު ބުރުގައި ކުޅޭ މެޗުގައި ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ. އިންޑިއާއިން ވަނުއަޓޫއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އިންޑިއާއިން ފުރަތަމަ ކުޅުނު މެޗުގައި 2-0 އިން މޮންގޯލިއާވެސް ބަލިކޮށްފައިވާ އިރު، ފައިނަލުގެ ފުރުސަތު ދެން އެންމެ ބޮޑުކޮށް އޮތް ލުބުނާނުން ވަނީ ފުރަތަމަ ކުޅުނު މެޗުގައި ވަނުއަޓޫ 3-1 އިން ބަލިކޮށް، މޮންގޯލިއާ ކައިރީ ގޯލެއް ނުޖެހި އެއްވަރު ވެފައެވެ.

މިހާތަނަށް މުބާރާތުގެ އެއް މެޗުގައި ހަތަރުވަނަ ރެފްރީގެ މަގާމު ޖާވިޒު އަދާކޮށްފައިވާ އިރު، ޖައުފަރު ވަނީ އެ މެޗުގައި ރޮނގު ބަލަހައްޓައިފައެވެ. ސަރަހައްދީ މުބާރާތްތަކުން މީގެ ކުރިންވެސް ފެނިގެންދިޔަ ރާއްޖޭގެ އޮފިޝަލުން ކަމަށްވާ ޖާވިޒާއި ޖައުފަރަށް އަދިވެސް މުބާރާތުގެ މެޗުތަކުން ފުރުސަތު ލިބިފައި އޮތް އިރު، އިންޑިއާ އާއި ލުބުނާން ވާދަކުރާ ވަރުގަދަ މެޗުގެ ރެފްރީއަކަށް ހަމަޖައްސާފައި ވަނީ ޖާވިޒެވެ.

އެފްއޭއެމްގެ އެހީތެރިކަމާއެކު ލިބުނު ފުރުސަތާ އެކު ޖާވިޒު ރޭ "ވަން" އަށް ބުނީ، ސަރަހައްދީ ވަރުގަދަ ޓީމުތައް ކުޅޭ މުބާރާތްތަކުގައި ރެފްރީކަން ކުރުމަކީ ކެރިއަރުގައި އަބަދުވެސް ލިބޭ ކުރިއެރުމެއް ކަމަށެވެ.

"މިއީ އިންޑިއާގެ ގައުމީ ޓީމުން ސާފަށް ތައްޔާރުވާން ބާއްވާ ވަރުގަދަ މުބާރާތެއް. މިފަހަރުގެ މުބާރާތްތަކުގައި ވަރުގަދަ ޓީމުތައް އޮތުމާ އެކު، މި ލިބެނީ ރަނގަޅު ފުރުސަތެއް އަސްލު. އަބަދުވެސް މިހެން ލިބޭ ފުރުސަތުތަކުގެ ބޭނުންކުރަން ވިސްނަން،" ޖާވިޒް އިންޑިއާގައި ހުރެ ބުންޏެވެ.

ޖާވިޒަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ރެފްރީއެވެ. އޭނާ އަދި ޖައުފަރަކީ މިހާރުވެސް އޭއެފްސީ އެލީޓް ރެފްރީޒް ޕެނަލްގައި މަސައްކަތް ކުރަމުންދާ ދެރެފްރީންނެވެ. ޖާވިޒް އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކުރަމުންނެވެ. އެންމެ ފުރަތަމަ ބޭރުގެ މެޗެއްގައި ރެފްރީކަން ކުރީ 2016 ވަނަ އަހަރުގެ އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގައި ސިންގަޕޫރާއި މިޔަންމާ ވާދަކުރި މެޗުގައެވެ.

އަނެއްކޮޅުން ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެސިސްޓަންޓް ރެފްރީއަކީ ޖައުފަރެވެ. އޭނާ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ފީފާ ބެޖް ހާސިލްކުރަމުންނެވެ. ބައިނަލްއަގުވާމީ ގިނަ މެޗުތަކެއްގައި ރޮނގުބެލެހެއްޓި ޖައުފަރުގެ އެންމެ ފުރަތަމަ ބޭރުގެ ތަޖުރިބާ އަކީ 2013 ވަނަ އަހަރު މިޔަންމާގައި ބޭއްވި ސައުތު އީސްޓް އޭޝިއަން ގޭމްސް (ސީ ގޭމްސް) އެވެ.