ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާއި އެ މައްސަލައިގައި ރިޝްވަތު ދެއްވިކަމުގެ ކުށް ސާބިތުވެ، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އިސްތިއުނާފު މައްސަލަގެ އަޑުއެހުމެއް ހައި ކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.
މި ދެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދަނީ އެކުއެކީގައެވެ. ޔޫސުފް ނައީމުގެ ފަރާތުން އިސްތިއުނާފު ހުށަހަޅާފައި ވަނީ، އޭނާގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ދިނުމުގެ ކުށާއި އެ ދައުވާ ސާބިތުވުން ކަނޑައެޅި ހުކުމުގެ މައްޗަށެވެ.
އެ މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހުގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ހުށަހެޅޭ ވަރުވީ ހަމައެކަނި ޔޫސުފް ނައީމުގެ އިސްތިއުނާފެވެ. އޭނާގެ ފަރާތުން އެ މައްސަލައިގައި އިސްތިއުނާފީ ހަތަރު ނުކުތާއެއް ވަނީ ހުށަހަޅައިފައެވެ.
އެ ދުވަހުގެ އަޑުއެހުން ނިންމަވައިލައްވަމުން މި މައްސަލަ ބައްލަވާ ހައިކޯޓުގެ ތިން ފަނޑީޔާރުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވެފައިވަނީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ނައީމުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް، ދައުލަތުން ދިން ޖަވާބާ ގުޅިގެން ވާހަކަދެއްކުމަށް ޔޫސުފް ނައީމުގެ ވަކީލުންނަށް ފުރުސަތު ދިނުން ކަމަށެވެ. އެއަށް ފަހު އެ މައްސަލައާ ގުޅިގެން ފަނޑިޔާރުން އޮޅުން ފިލުވަން ބޭނުންވާ ކަމެއް އޮތް ނަމަ އެކަމެއް އޮޅުންފިލުވަން ސުވާލުކުރުމުގެ ފުރުސަތު ފަނޑިޔާރުންނަށް ދެއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ފަނޑިޔާރު ހަސަން ޝަފީއުގެ އިތުރުން ފަނޑިޔާރުންގެ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ސަލީމެވެ.
އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު ފަހު 2:00 އަށެވެ. އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ ބޭއްވުމަށްވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އޭގެ ކުރީ ދުވަހު އޮތް ޔާމީންގެ ޝަރީއަތް ދިގުލައިގެން ދިއުމުން އިސްތިއުނާފު އަޑުއެހުން ފަސްކުރީއެވެ.
ރައީސް ޔާމީންގެ އިސްތިއުނާފު ލަސްކުރާ ކަމަށް ބުނެ އެމަނިކުފާނު ނިސްބަތްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕުން އިއްޔެ ވަނީ ކަންބޮޑުވުން ފާޅުކޮށް ރައީސް އޮފީހާއި ޖޭއެސްސީއަށްވެސް ގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު