ނިޒާމީ ނުކުތާއެއް ނަންގަވައި، މައްސަލައަށް ވާހަކަ ނުދައްކަވައި އެހެން މެންބަރުންގެ މޭޒު ކައިރިޔަށް ވަޑައިގެން މެންބަރުންނަށް އުނދަގޫ ކުރައްވައި އަޑުގަދަ ކުރައްވައި، މެންބަރުންނާ ޒުވާބު ކުރައްވައި، 20 މިނިޓް ވަންދެން މަޖިލިސް ޖަލްސާ ކުރިއަށް ދިޔަނުދީ ހުރަސް އެޅުއްވުމުންވެސް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ނަން ނީއްވައި ޖަލްސާ މެދުކަނޑާލައިފި އެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ރިޔާސަތުގައި އިންނަވައިގެން، މިއަދުގެ ޖަލްސާ ފެށިއިރުވެސް ކޮންމެވެސް ވަރަކަށް މެންބަރުން ގެންދެވީ އަޑުގަދަ ކުރައްވަމުންނެވެ.

ނަމަވެސް އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވާތީ، ޖަލްސާގެ އެޖެންޑާ އިއުލާން ކުރައްވައި، ޔައުމިއްޔާތައް ފާސް ކުރުމަށްފަހު، ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ރިޔާސަތުން މެންބަރު އާދަމް ޝަރީފަށް ފުރުސަތު ދެއްވިއެވެ.

ޝަރީފް ކުއްލި މައްސަލަ ހުށަހަޅުއްވަން ފެއްޓެވުމާއެކު އަލީ އާޒިމް ނިޒާމީ މައްސަލަ ނެންގެވިއެވެ. ނަމަވެސް ޖަލްސާގެ ނިޒާމާބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ، އަލީ އާޒިމް ދައްކަވަމުން ގެންދެވީ މުޅިން އެހެން ވާހަކަތަކެކެވެ.

އޭރު ކޯޓުތަކުގައި މައްސަލަތައް ހިނގަމުންދާ ގޮތާމެދު ހިތްހަމަނުޖެހިގެން ނައިފަރު ދާއިރާގެ މެންބަރު އަޑުގަދަ ކުރައްވަމުން ގެންދެވިއެވެ. އެހެންކަމުން އަލީ އާޒިމް ވެސް ނިޒާމީ ނުކުތާގައި، ފާޑު ވިދާޅުވާން ފެއްޓެވީ ކޯޓުތަކަށެވެ.

ދެން ވިދާޅުވީ، "މަޖިލިސް ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ)"، އެ ހިސާބަށް ވިދާޅުވުމަށްފަހު ދެން ވިދާޅުވީ، މެންބަރުން ޗޯރޭ ކިޔަމުންދާ ކަމަށެވެ. އެއަށްފަހު ނިޒާމީ ނުކުތާގައި ހުންނަވައި މައިކުން ވިދާޅުވީ، "އަޅުގަނޑަށް ނިޒާމީ ނުކުތާ ނުދީ ޖަލްސާ ކުރިއަށް ގެންދަން ލާހިކެއްނޫން،" ކަމަށެވެ.

އެއަށްފަހު އަނެއްކާ މަޖިލިސް ގަވާއިދުގެ 54 ވަނަ މާއްދާގެ (ށ) އަށް ވަޑައިގެންނެވިއެވެ. އެ މާއްދާގައި ބުނަނީ ޖަލްސާގެ އެޖެންޑާގައި ހިމަނާނީ އެ ޖަލްސާއެއްގައި ނިންމުމަށް އެދި ނުވަތަ ކުރުމަށް އެދި ހުށަހަޅާން ކަންކަމެވެ. އަލީ އާޒިމް ވިދާޅުވީ އެ މާއްދާ ވަރށް ސާފު ކަމަށެވެ. އެބަޔާދޭތެރޭ އިތުރު ވާހަކަ ދައްކަން ނެތް ނަަމަވެސް އެ މާއްދާގައި ދެން ޖެހިގެން އަންނަ ބައިގައި، އެކަންކަން ސާފުކޮށް އެނގޭނޭ މިންވަރަށް އެޖެންޑާގައި އޮންނަންވާނެ ކަމަށް ބުނާ ކަމަށްވެސް ވިދާޅުވިއެވެ.

"ނިޒާމީ މައްސަލަ މިނެގީ ދެ ނުކުތާއެއް އަޅުގަނޑު ފާހަގަކޮށްލަން އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދުކުރަން މިވާހަކަ ނިމުނީމަ، އެއީ ނިޒާމީ ނުކުތާއެެއްތޯ، ނޫންތޯ ވިދާޅުވެދެއްވުމަށް،"

އެހިސާބަށް ދިއުމުން ިރޔާސަތުގައި އިންނެވި ހަސަން އަފީފު ނިޒާމީ މައްސަލަ އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އަލީ އާޒިމް ދެން ވިދާޅުވީ އޭނާ ބޭނުންވާވަރަށް އެ މާއްދާގައިވާ ކަންކަން ރިޔާސަތަށް ސާފުވާވަރަށް ދެންނެވޭނީ، އެހިސާބަށް ވިދާޅުވާން ފެއްޓެވީ އެޖެންޑާގެ 6.1 ގައި އޮތް މައްސަލަ (ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ގެނައި ބަދަލު ފާސް ކުރަން އެޖެންޑާކޮށްފައިވާ މައްސަލަ)އިގެ ވާހަކައެވެ.

އެ ހިސާބުން އަފީފް ވިދާޅުވީ، މަޖިލިސް ޖަލްސާ އަދި އެހިސާބަށް ނުދާ ކަމަށެވެ. އެޖެންޑާގެ އެ ނަމްބަރާ ހަމައަށް ޖަލްސާ ދިއުމުން އެކަން ފާހަގަ ކުރެއްވުމަށްވެސް އަފީފު އެދިވަޑައިގަތެވެ. އެހެން ވިދާޅުވެ ކުއްލި މައްސަލަ ހުށަހެޅުއްވުމަށް މެންބަރު ޝަރީފަށް އަފީފް ފުރުސަތު ދެއްވިއެވެ.

ނަމަވެސް އަލީ އާޒިމް އަޑުގަދަ ކުރައްވަމުން، އާދަމް ޝަރީފުގެ މޭޒުދޮށަށް ވަޑައިގެން ޝަރީފް މައްސަލަ ހުށަހަޅުއްވަމުން ގެންދަވަނިކޮށް، މައިކު އަތުލައްވައިގެން އަލީ އާޒިމް ވާހަކަ ދައްކަވަން ފެއްޓެވިއެވެ. އެއަށްފަހު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ނިޒާމީ މައްސަލައަށް ފުރުސަތު ނުދެއްވައި ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަފީފު ތަކުރާރުކޮށް ވިދާޅުވީ ޖަލްސާ އަދި އެ މައްސަލައާ ހިސާބަށް ނާންނަ ކަމަށެވެ. އަދި އާޒިމްގެ ގޮނޑިކޮޅަށް ވަޑައިގަތުމަށްވެސް އަފީފު އެދިވަޑައިގެންނެވިއެވެ.

އެހިސާބުންވެސް ރިޔާސަތުން އިންޒާރެއްހާހިސާބުވެސް ނުދެއްވައެވެ. އޭގެ ފަހުންވެސް އެހެން މެންބަރުންގެ މޭޒު ކައިރިޔަށް ވަޑައިގެން އަޑުގަދަކުރައްވައި އަލީ އާޒިމް ގެންދެވީ މެންބަރުންނާ ޒުވާބު ކުރައްވައި އުނދަގޫ ކުރައްވަމުންނެވެ. ގަޔަށް އަތްލާ ހިސާބަށްވެސް ދިޔައެވެ. މަވޯޓާ ޝަރީފް ވާހަކަދައްކަވަން ފައްޓަވާ ކޮންމެ ފަހަރަކު އެ މޭޒުދޮށަށް ވަޑައިގެން މައިކު އަތުލައްވައެވެ. އެކަމާ ގުޅިގެން ރިޔާސަތުން، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ދެންނެވީވެސް އެންމެ ފަހަރަކުއެވެ.

އެއަށްފަހުވެސް ނިޒާމީ މައްސަލަ ހުށަހަޅުއްވަން އަފީފު އެދިވަޑައިގަންނަވަމުން ގެންދެވިއެވެ. އަފީފު ތަކުރާރުކޮށް އެކަމަށް އެެދިވަޑައިގަތުމުން އަމިއްލަ މޭޒަށް ވަޑަިއގެން، "ފިއްޓެ ކަލެއަށް ތިއުޅެނީ މަ ނޭނގިގެން،" ކަމަށް ވިދާޅުވެ އޭނާގެ މޭޒާ ދިމާލުން ފަހަތުގައި ހުރި މޭޒުގައި އިންނެވި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) އަށް އިންޒާރު ދެއްވިއެވެ.

އަނެއްކާވެސް އަލީ އާޒިމް ވިދާޅުވީ، އޭނާ ނިޒާމީ މައްސަލަ ފާހަގަ ކުރުމުން އެއީ ނިޒާމީ ނުކުތާއެއްތޯ، ނުވަތަ ނޫންތޯ ކަނޑައަޅާނީ ރިޔާސަތުން ކަމަށެވެ. އަފީފް ވިދާޅުވީ، "ނިޒާމީ މައްސަލަ ހުށަހަޅުއްވާ! އަޅުގަނޑު މީނީ އަޑުއަހަން،" ކަމަށެވެ.

ނަމަވެސް އެ ފަހަރުވެސް އަލީ އާޒިމް ދެއްކެވީ އެހެން ވާހަކައެކެވެ. ތަކުރާރުކޮށް ވިދާޅުވީ، "ރާޑޯ އަދި އަލަށް ފަޓުލޫނު މިލީ،" ކަމަށެވެ. އެއަށްފަހު މެންބަރަކަށް ނިސްބަތްކުރައްވައި އަވަގުރާނަވެސް ގޮވިއެވެ.

ދެން ވިދާޅުވީ، "އަޅުގަނޑު މިއުޅެނީ ރައްޔިތުންގެ ހައްގުގައި އަޅުގަނޑުގެ ހައްގުގައެއް ނޫން، އަޅުގަނޑު ބޭނުމެއްނުވޭ އަޅުގަނޑުގެ ހައްގުގައި މިތާ ވާހަކަ ދައްކާކަށް، އެހެންނަމަވެސް މިތާ ގިނަ މެންބަރުންތަކެއް ފަހަރެއްގައި ވެދާނެ ސަރުކާރުގައި ތާށިވެފަ ހުރީމަ، އެމީހުންގެ މައްސަލަ ހުންނާނެ ފުލުސް އޮފީހުގަ ކޯޓުގަ، ނޫނީ އެމީހުންގެ ކޮންމެވެސް ބަޔަކު ތިބޭނީ ކޮންމެވެސް ވަޒީފާއެއްގަ އެެހެންވީމާ އެމީހުން ހަޅޭއްލަވައިފާނެ އަޅުގަނޑު ވާހަކަ މިދައްކަނީ ރައްޔިތުންގެ ހައްގުގަ،" ކަމަށެވެ.

ޖަލްސާ ފެށީއްސުރެން 20 މިނެޓު ވަންދެން އަލީ އާޒިމް އެގޮތަށް ކަންތައްތައް ކުރިއަށް ގެންދެވިއިރުވެސް، އަފީފު އިންނެވީ ނިޒާމީ މައްސަލަ ފާހަގަ ކުރައްވަން އަލީ އާޒިމަށް ދަންނަވަ ދަންނަވައެވެ. ނަން އިއްވަވަން ކެރިވަޑައިނުގަތްތާ، އިތުރު އިންޒާރެއްވެސް ނުދެއްވައެވެ.

އަފީފު އެހެން މެންބަރުންނަށް ނިޒާމީ ނުކުތާ ނަންގަވަން ފުރުސަތު ދެއްވަން ފެއްޓެވީވެސް، އަލީ އާޒިމްގެ އެ ކަންތައްގަނޑު ނިމުމުންނެވެ.