ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާތީ މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސް، އެކަން ހައްލުކުރަން ވެރިކަން ކުރާ އެމްޑީޕީން މިއަދު އެދެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން އެކަހެރިވެވަޑައިގެންފައިވާތީ، މަޖިލީހުގެ ޖަލްސާ މިއަދަކު ކުރިއަކަށް ނުދިޔައެވެ. ނަޝީދު މަޖިލީހުގެ ރިޔާސަތުން އެކަހެރިވެވަޑައިގެންނެވީ، އެ މަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ގޮތެއް ނިންމެންދެންނެވެ.

އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައި އެދިވަޑައިގެންފައިވަނީ އިސްލާހުތައް ފާސްކުރުމަށް ތަޅުމަށް ހުށަހެޅުމަށެވެ.

އަސްލަމް އެދިވަޑައިގެންފައި ވަނީ، މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) އަދި (ކ) އިސްލާހު ކުރުމަށެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެއްޖެ ނަމަ، ރިޔާސަތު ބަލަހައްޓާނެ މެމްބަރެއް ރައީސް ކަނޑައަޅަން ޖެހޭނެ ކަމަށް ބުނުން. އެގޮތަށް ކަނޑައަޅަން ޖެހެނީ އެންމެ ގިނަ ދުވަސްވީ ފަސް މެމްބަރުން. އެއިން މެމްބަރަކަށް ވިދިވިދިގެން ބެލެހެއްޓޭނީ ތިން ޖަލްސާގެ ރިޔާސަތު

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބުވުމުން، އުޒުރުވެރިވާ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުންގެ ނަންތައް ރިޔާސަތާ ހަވާލުވާނެ ތަރުތީބާ އެކު މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިހާބުކުރުމަށް ފަހު ހިނގާ ފުރަތަމަ ދެ ހަފުތާ ތެރޭގައި މަޖިލީހުގެ ރައީސް ކަނޑައަޅައި، އެ ނަންތައް މަޖިލީހުގެ ޖަލްސާއެއްގައި އިއުލާންކުރުން. އަދި ދައުރުގެ ތެރޭގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުންނަށް އަންނަ ކޮންމެ ބަދަލެއް މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާއެއްގައި އިއުލާނުކުރުން.

މަޖިލީހުގެ ރައީސް ނުވަތަ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅާ ގަރާރު ނުވަތަ ހުށަހަޅަން ހަމަޖެހިފައިވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާ ފަރާތްތަކުން އެއްވެސް ސަބަބަކާ ހުރެ އުޒުރުވެރިވެއްޖެ ނަމަ، އެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާނީ އަމީން އާންމު ކަމުގައި ކަނޑައެޅުން

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ހިނގަމުންދާ ޖަލްސާއެއްގައި މެންބަރަކު ވާހަކަދައްކަން ލިބޭ ފުރުސަތުގައި ދިގުމިން ކަނޑައަޅާނީ އަމީން އާންމުކަމުގައި ކަނޑައެޅުން. މިފަދަ ޖަލްސާއެއްގައި މެންބަރަކު ވާހަކަ ދައްކާނެ ވަގުތު އަމީން އާންމު ކަނޑައަޅަންވާނީ މަޖިލީހުގައި ތަމްސީލުވާ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ ނިސްބަތަށް ރިއާޔަތްކޮށް. މަޖިލީހުގެ ރައީސަށް އޭނާގެ ދިފާއުގައި ވާހަކަދައްކަން ލިބޭ ޖުމުލަ ފުރުސަތުގެ ދިގުމިނަކީ 30 މިނެޓުކަމުގައި ކަނޑައެޅުން

އެ އިސްލާހުތައް ތަޅުމުން ފާސްކުރުމާއެކު އަމަލުކުރަން ފަށަން ޖެހޭނެ ކަމަށްވެސް އަސްލަމްގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި މެންބަރުންނަށް ވަގުތު ކަނޑައަޅަން ޖެހެނީ އާންމު ކޮމިޓީންނެވެ، ނަމަވެސް އެ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އިސްތިއުފާދެއްްވާފައިވާތީ އެ ކޮމިޓީވެސް ކުރިއަކަށް ނުދެއެވެ.