ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ނިޒާމުގެ ތެރޭގައި ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައިދެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ މިއަދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނަމަ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް ކަމަށް މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބަޔާންވެގެންވެއެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ މަޖިލީހުގެ ރައީސެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އެޖެންޑާ ކުރާ، މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް މަޖިލީހުގެ ރައީސް އުޒުރުވެރިވެވަޑައިގަންނަވާކަން އިއްޔެ އެ މަނިކުފާނު ފޮނުއްވި ސިޓީފުޅެއްގައި މަޖިލީހަށް ވަނީ އަންގައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާގެ ރިޔާސަތާ ނަޝީދު ހަވާލުވެވަޑައިގަންނަވަން ދެކޮޅު ހެއްދެވުމުން، މިއަދުގެ ޖަލްސާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނެ ގޮތެއް ކަނޑަނޭޅެނީސް، ޖަލްސާ ކުރިއަށްގެންދެވެން ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވަނީ، ޖަލްސާ މެދުކަނޑާލައްވައިފައެވެ. އެހެންކަމުން އެ މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ވަނީ ސުވާލު އުފެދިފައެވެ.
މަޖިލިސް ގަވާއިދު ބުނާ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ބަހުސް ކުރިއަށްގެންދާނެ ވަގުތުގެ ދިގުމިނެއް ކަނޑައަޅާނީ އާއްމު ކޮމިޓީންނެވެ. އަދި އެ ވަގުތުގެ ތެރެއިން، ބަހުސް ކުރުމަށް މެންބަރުންނަށް ދޭނެ ވަގުތަކާއި އިތުބާރު ނެތް ކަމަށް ހުށަހަޅާ ފަރާތަށް ދޭނެ ވަގުތު ކަނޑައަޅާނީވެސް އެ ކޮމިޓީންނެވެ. ނަމަވެސް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އޮތީ އަލުން އެކުލަވައިނުލެވިއެވެ.
އަމީންއާންމު އިއްޔެ ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކޮމިޓީތައް އެކުލަވައިލެވިފައި ނުވިޔަސް، އެކަމަކީ އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ ޖަލްސާއަށް ހުށަނާޅައި މަޑުޖެއްސިދާނެ ސަބަބެއް ނޫން ކަމަށެވެ. އޭނާ ވަނީ ތިން ލަފައެއްވެސް ހުށަހަޅުއްވައިފައެވެ.
"މި މައްސަލައިގައި މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ މަޝްވަރާގެ އަލީގައި އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑަށް ފެންނަން އޮތް ގޮތަކީ އެ ގަރާރު ހުށަހެޅޭ ޖަލްސާގައި ވާހަކަ ދައްކަވާނެ މެންބަރުންގެ އަދަދާއި ފުރުސަތުގެ ދިގުމިން އާންމު ކޮމެޓީން ކަނޑައެޅުން އަވަސްކުރުމަށް މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ހިމެނޭ ނިސްބަތަށް އައި ބަދަލާ ގުޅޭ ގޮތުން މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ޓަކައި އެ މައްސަލަ ދެން އެންމެ އަވަހަށް އޮންނަ މަޖިލީހުގެ އާންމު ޖަލްސާއަކަށް އެޖެންޑާ ކޮށްދެއްވުމާއެކު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ވަކި ކުރުމުގެ ގަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް، ކަނޑައެޅިގެން އެހެން ފަރާތަކާ ހަވާލު ކުރެއްވުމެވެ," އަމީން އާންމުގެ ސިޓީގައި ވިދާޅުވިއެވެ.
އަމީން އާންމު ވަނީ މަޖިލިސް ރައީސް އެކަން އެހެން ބޭފުޅަކާ ހަވާލުކުރައްވައި، އެމައްސަލައިގެ ބަހުސްގެ ވަގުތާއި އަދަދު ކަނޑައަޅައި، އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނުވަތަ އެ ގަރާރު ހުށަހެޅޭ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމާއި ބަހުސް ކުރިއަށްދާނެ ގޮތަކާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ އާންމު ޖަލްސާއަށް އެކަން މަޖިލިސް ރައީސް އެޖެންޑާ ކޮށްދެއްވުމަށް އެދި ހުށަހަޅުއްވައިފައެވެ.
ރިޔާސަތު ބެލެހެއްޓެވުމުން އެއްކިބާވެވަޑައިގެންނެވި ނަމަވެސް، މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ މިންވަރުގައި އެންމެހައި ކަންކަން ހިންގެވުމުގައި ދެމިހުންނަވާނެ ކަމަށާއި އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިނގަމުންދާއިރު، އަމީންއާންމުގެ މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭނެ އެއްވެސް ކަމަށް ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާކަން، ރިޔާސަތު ބެލެހެއްޓުވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އަންގަވައި ނަޝީދު ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ކަމަށް ވެސް ނިއުޝާ ވިދާޅުވިއެވެ.
"މަޖިލީހަށް މިހާރު ލިބިފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މަޖިލީހުގެ ނިޒާމުގެ ތެރޭގައި ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުމަށް އަދަބުވެރިކަމާއެކު ދަންނަވަމެވެ،" ސިޓީގައި ނިއުޝާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު