ރ ފުއްގިރީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ފައިލް ދިފާއަށް ދިނުމަށް ކުރިމިނަލް ކޯޓުން ޕްރިސެކިއުޓާ ޖެނެރަލްގެ އޮފީހަށް (ދައުލަތަށް) މިއަދު އަނެއްކާވެސް އަންގައިފިއެވެ.
ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކުރެއެވެ. އަދި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް ދައުވާކޮށްފައިވެއެވެ. އެއީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.
އެ މައްސަލައިގައި މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލު ވިދާޅުވެފައިވަނީ ޔާމީންގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ނިންމުމުގައި މައްސަލައާ ގުޅޭ ތަހުގީގުގެ ފައިލްތައް ލިބިދޭންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އެހެންވެ ހެކިބަސް ނެގުމުގެ މަރުހަލާގެ ކުރިން އެ ފައިލްގައިވާ ލިޔުންތައް ދިފާއުން ބަލަން ބޭނުންވާ ކަމަށެވެ.
އެ ދުވަހުގެ އަޑުއެގުމުގައި ކްރިކް ރިޒާގެ ވަކީލުވެސް ވަނީ، މައްސަލައިގެ ފައިލް ބަލަން ބޭނުންވާ ކަމަށް ބަޔާންކޮށް އެ ފަރާތުންވެސް ޕީޖީ އޮފީހަށް ސިޓީ ހުށައަޅާފައިވާ ކަމަށް ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ ގަޒިއްޔާގެ 50 ވަނަ ނުކުތާގައި ބަޔާންކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކުރާ އުސޫލަކުން ގާނޫނު ތަންފީޒުކުރާ އިދާރާގެ އޮފިސަރު ބޭނުންކުރާ މައްސަލައިގެ ފައިލް އެއްކޮށް ބެލުމުގެ ހައްގުވެސް ލިބިދޭ ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އެ ދުވަހު ވަނީ ތަހުގީގު ފައިލް ދިފާއަށް ދޫކުރަން ދައުލަތަށް އަންގަވައިފައެވެ.
ކުރިމިނަލް ކޯޓުގައި މިއަދުވެސް ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ. މިއަދު އޮތީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނަގަން ފެށުމުގެ ކުރިން ދިފާއީ ވަކީލުން ވަނީ، ތަހުގީގީ ފައިލް ހިއްސާކުރަން ދައުލަތަށް އަންގާފައި އޮތް ނަމަވެސް ބޭނުންވާ ބައެއް ލިޔެކިއުންތައް ދިނުމަށް ދައުލަތުން ދެކޮޅު ހަދައި ބައެއް ލިޔެކިއުންތައް ސިއްރުކުރަން އުޅޭ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެގޮތުން ޔާމީން އާއި ކްރިކް ރިޒާގެ ފަރާތުން ވަނީ ހެކިބަސް ނެގުމުގެ މަރުހަލާގެ ކުރިން މައްސަލައިގެ ތަހުގީގު ފައިލާއި ރައީސް އޮފީހުން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވާފައިވާ ލިއުންތަކާއި ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރްސީއަށް ފޮނުވާފައި ހުރި ލިއުންތަކުގެ އިތުރުން އެމްއެމްޕީއާރްސީން ރައީސް އޮފީހާއި ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވާފައިވާ ލިއުންތަކާއި ސިޓީތައް ބަލަން އެދިފައެވެ.
މިއަދުގެ އަޑުއެހުމުގައި ކްރިކް ރިޒާގެ ވަކީލު ހަމްޒާ ލަތީފް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ތަހުގީގު ފައިލްތައް ދައުލަތުން ހިއްސާކޮށްފައިވާ ކަމަށާއި ނަމަވެސް އޭގައި ބައެއް ލިޔުންތައް މަދު ކަމަށް ވިދާޅުވެފައެވެ. އެގޮތުން އިތުރު 45 ލިޔުމެއް ހޯދަން އެދިފައިވާ ކަމަށް ވިދާޅުވިއެވެ.
އެ ލިޔެކިއުންތައް ދިނުމާ މެދު ދައުލަތުން ދެކޭ ގޮތް ސާފުކުރަން ޝަރީއަތުން ސުވާލުކުރެއްވުމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާ ލިބޭ ފަރާތުން ބޭނުންވާ ލިޔެއުންތައް ވަކިކުރުމުން އެ ލިއުންތައް ދެވޭނެ ނަމަ ދޭނެކަން އެ ދުވަހު ފާހަގަކޮށްފައިވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ކްރިކް ރިޒާގެ ވަކީލު ހަމްޒާ ވަނީ، ބޭނުންވާ ލިޔެކިއުންތައް ހޯދަން ދިފާއު ބިނާ ކުރަން ޖެހޭ ސަބަބު ސާފުކޮށްދީ ދައުލަތަށް ހުށަހަޅަން ނުޖެހޭނެ ކަމަށާއި ލިޔެކިއުން ހޯދަން ސަބަބު ބަޔާން ކުރަންޖެހޭނެކަން މީގެ ކުރީން ދައުލަތުން ފާހަގަކޮށްފައެއްވެސް ނުވާ ކަމަށް ވިދާޅުވެފައެވެ.
ޔާމީންގެ ވަކީލު އާދަމް ޝަރީފްވެސް ވަނީ، ބޭނުންވާ ލިޔުންތައް ފާހަގަކޮށް އެދުމުން އެލިޔުންތަކުގެ ތެރެއިން ދެވެން އޮތް އެއްޗެއް ދޭނެ ކަމަށް ޕީޖީން ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، މިއަދު ދައުލަތުން ހުށަހަޅާ ހެކިވެރިޔާ އަބްދުﷲ ޒިޔަތާ ސުވާލުކުރުމަށް ބޭނުންވާ ބައެއް ލިޔުންތައް ލިބިފައިނުވާ ކަމަށެވެ.
ދައުލަތާއި ދިފާއުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ އަލީ ނަޒީމް، ވަނީ ދައުވާ ލިބޭ ފަރާތުން އެދޭ ލިޔުންތަކުގެ ތެރެއިން ހާމަކުރެވޭނެ ލިއުންތައް ހިއްސާކޮށް، ހާމަނުކުރަން ނިންމައި ލިއުންތައް ހާމަނުކުރަން ނިންމި ސަބަބު ބަޔާންކޮށް ކޯޓަށް ހުށަހެޅުމަށް އަންގަވައިފައެވެ. އަދި ދައުވާ ލިބޭ ފަރާތުން އެދޭ ލިއުންތައް ހޯދުމަށް އެފަރާތަށް މާ އުނދަގޫ މަގެއް ދައުލަތުން ދެއްކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު