ހުއްޓިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް ކުރިއަށް ގެންދިއުމަށް ދޫދިނުމުގެ ގޮތުން، އެ ޕާޓީއަށް އޮތް 64 ޕަސެންޓްގެ ތެރެއިން އެއް ޕަސެންޓް އެހެން ޕާޓީތަކަށް ދޫކޮށްލާފައިވާ ކަމަށް އެމްޑީޕީގެ އަލިފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ބޭނުންވާ ހުރިހާ ދުލެއް އެމްޑީޕީން ދެމުންދާ ކަމަށެވެ.
އިތުރު ތަފުސީލު ދެއްވަމުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން މުހިންމު މަސައްކަތްތަކެއް ކުރިއަށް ނުގެންދެވި މަޑުޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭއި ރިޔާސީ އިންތިހާބު ކައިރިވަމުން އަންނައިރު، އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އިންތިހާބު ކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޮތް މައްސަލަ އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މީގެ ކުރިންގެސް މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރައްވާ ކަމަށާއި ނަމަވެސް މަޖިލިސް ކޮމިޓީތައް ހުއްޓުވާފައިނުވާ ކަމަށެވެ. އަދި އެއީ ކޮމިޓީތައް ހުއްޓުވާފައި ބާއްވަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދެވެން އޮތް ހުރިހާ ދުލެއް އިދިކޮޅު ފަރާތްތަަކަށް އެމްޑީޕީން ދެމުންދާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ މައްޗަށް އިމްތިޔާޒުގެ މައްސަލަ ހުށަހެޅިގެން ދިޔައިރުވެސް މައިނޯރިޓީއަށް ފުރުސަތު ދިނުމުގެ ގޮތުން އެމްޑީޕީން ހަނު ތިބި ކަމަށެވެ. ނަމަވެސް އެ މައްސަލަ ދެ ދުވަހަށް ދައްމާލުމަށްފަހު ފަހުން އެ މައްސަލަ ވީތަނެއް ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެމްޑީޕީން އެ މައްސަލަ ބޭރުކޮށްލުމުންވެސް، މައްސަލަ ކޮމިޓީއަކަށް ފޮނުވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވި އިރު، އެއީ ކޮން ކޮމިޓީއެއްކަން ވިދާޅުނުވާ ކަމަށްވެސް އޭނާ ފާހަގަކުރެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު