އިޓަލީގެ ބޮޑުވަޒީރުކަން ކުރި، އޭސީ މިލާނުގެ ކުރީގެ ވެރިޔާ ސިލްވިއޯ ބަރްލަސްކޯނީ އުމުރުން 86 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.

މިދިޔަ ދެތިން އަހަރުދުވަހުގެ ތެރޭގައި ބަރްލަސްކޯނީގެ ހާލުކޮޅު އެކި ފަހަރުމަތިން ސީރިއަސްވެފައިވާ އިރު، އޭނާ ފަރުވާކުރައްވަމުން ގެންދެވީ ފުއްޕާމޭގެ އިންފެކްޝަނަކަށެވެ. ބަރްލަސްކޯނީއަށް ފުއްޕާމާގެ މައްސަލަތައް ދިމާވެފައި ވަނީ ކުރިން ކްރޮނިކް ލުކީމިއާއަށް ފަރުވާ ހޯއްދެވުމުގެ ތެރޭގައެވެ. ބަރުލަސްކޯނީ އަވަހާރަވީ މިލާންގެ ރަފެއޭލް ހޮސްޕިޓަލުގައެވެ.

ބަރްލަސްކޯނީއަކީ އިޓަލީގެ މަގުބޫލު ބިލިއަނަރެކެވެ. މީޑިއާ ޓައިކޫންއެއްވެސް މެއެވެ. އަދި އޭގެ އިތުރުން ފާހަގަކޮށްލެވޭ ސިޔާސީ އިސް ލީޑަރެކެވެ. ބަރްލަސްކޯނީގެ ސިޔާސީ ހަރަކާތުގެ ތެރެއިން އޭނާ 1994 ވަނަ އަހަރު އިޓަލީގެ ބޮޑުވަޒީރުކަމަށް ފުރަތަމަ ފަހަރު ވަޑައިގެންފައިވާ އިރު، އޭގެ ފަހުން އިތުރު ތިން ދައުރެއްގައި ބޮޑުވަޒީރުކަން ކުރެއްވިއެވެ. އެންމެފަހުން ބަރްލަސްކޯނީ ބޮޑުވަޒީރުކަން ކުރެއްވީ 2011 ވަނަ އަހަރުއެވެ.

އެންމެފަހުން އިޓަލީގެ މަތީ ގޭގެ މެންބަރުކަން ކުރައްވަމުން ގެންދެވި ބަރްލަސްކޯނީގެ ސިޔާސީ ހަޔާތުގެ ތެރެއިން އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި ކޮރަޕްޝަންގެ ތުހުމަތުތައް އެކި ފަހަރުމަތިން އުފުލާފައިވެސް ވެއެވެ.

ސިޔާސީ ހަޔާތުގެ ބޭރުން ބަރްލަސްކޯނީ އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ އިޓަލީގެ ފުޓުބޯޅައިގެ ނުފޫޒު ގަދަ ޝަހުސިއްޔަތެއްގެ ގޮތުގައެވެ. 1986 ވަނަ އަހަރު އޭސީ މިލާން ބަނގުރޫޓް ވިޔަނުދީ ސަލާމަތް ކޮށްދެއްވައި، ބަރްލަސްކޯނީ ވަނީ އެ ކްލަބު މަޑުމަޑުން ކުރިއަށް ނެރެ، ދުނިޔޭގެ އެންމެ ވަރުގަދަ ބާރަށް ހައްދަވައިފައެވެ.

ބަރްލަސްކޯނީ އޭސީ މިލާނާ ހަވާލުވެވަޑައިގެން 31 އަހަރު ހުރެފައިވާ އިރު، އޭނާގެ ވެރިކަމުގައި އެ ކްލަބުން ވަނީ 8 ފަހަރު ލީގު ކާމިޔާބުކޮށް، ފަސް ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދައިފައެވެ. ބަރްލަސްކޯނީ އޭސީ މިލާން ވިއްކައިލެއްވީ 2017 ވަނަ އަހަރުއެވެ. އޭސީ މިލާން، ލީ ޔޮންގްހޮންގަށް ވިއްކަވައިލެއްވުމަށްފަހު ބަރްލަސްކޯނީ އިޓަލީގެ ތިންވަނަ ޑިވިޝަނުގައި އޮތް މޮންޒާ ބައްލަވައިގެންފައިވަނީ 2018 ވަނަ އަހަރުއެވެ. އެ ކްލަބު މިހާރު އޮތީ ފުރަތަމަ ޑިވިޝަނުގައެވެ.