ރާއްޖެ އާއި ގެމްބިއާއާ ދެމެދު ވިސާ ލުއިކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސައުދީގެ ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގައި ބޭއްވި ހަފުލާއެއްގަ އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސައުދީއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހަލީލް އެވެ. އަދި ގެމްބިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު ޖިބްރީލް ސޮލާހު އެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖެ އަންނަ ގެމްބިއާ މީހުންނަށާއި ގެމްބިއާއަށް ދާ ދިވެހިންނަށް 30 ދުވަހުގެ މުއްދަތަށް ވިސާއާ ނުލައި ދަތުރު ކުރެވޭނެ އެވެ.
މި އެއްބަސްވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައާއި ދެ ސަރުކާރުގެ ދެމެދުގައި ގުޅުން ބަދަހިވެގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް މިހާތަނަށް 9 ގައުމަކާއެކު ވަނީ އެއްބަސްވެފައެވެ. އެއީ ތައިލެންޑް، ޔޫއޭއީ، ރަޝިޔާ، މޮރޮކޯ، ކަޒަކިސްތާން، ޗައިނާ، އޮމާން، ރުވާންޑާގެ އިތުރުން ގެމްބިއާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު