ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާފައި ނުބޭއްވޭނެ ކަމަށާއި އެކަން ހައްލުކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ދާން ޖެހިއްޖެ ނަމަ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެކަން ވެސްކުރާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކޮމްޕޯސިޝަނަށް އައި ބަދަލާއެކު، މަޖިލީހުގެ ބައެއް ކޮމިޓީތައް މިހާރު ހުރީ ހުއްޓިފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދާއި ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލަ އާއި އެފަދަ އެހެން މައްސަލަތަކުގެ ބަހުސްގެ ވަގުތު ކަނޑައަޅާ އާންމު ކޮމިޓީވެސް ހިމެނެއެވެ.
އާންމު ކޮމިޓީ ހުއްޓިފައި އޮތީ އެ ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު އިސްތިއުފާދެއްވާފައިވާތީއެވެ.
ކޮމިޓީތައް ހުއްޓި، މުހިންމު މަސައްކަތްތައް މެދުކެނޑިފައި އޮތުމުން ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މަޖިލީހުގައި މިހާރު އޮތީ މަރުތަޅު (ޑެޑްލޮކް) އެޅުވިފައެވެ. މުހިންމު މައްސަލަތައް އެޖެންޑާގައި ނުހިމަނާކަމުގެ ކަންބޮޑުވުން އެމްޑީޕީގެ ޕީޖީ ގްރޫޕުން މިފަހަކަށް އައިސް އަބަދުވެސް ކުރެއެވެ.
އެކަމާ ގުޅިގެން، ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި އަސްލަމް ރޭ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނީ ވަކި ވަރަކަށް ކަމަށާއި ގާނޫނީ ގޮތުން އެޅެން ހުރި އެހެން ފިޔަވަޅުތައްވެސް އެބަހުރި ކަމަށެވެ.
"ސުޕްރީމް ކޯޓަކީވެސް ހަމަ އަޅުގަނޑުމެންނަށް އޮތް އޮޕްޝަނެއް. ޕާސަނަލީ އަޅުގަނޑަކަށް އެހާ ކޮމްފޮޓަބަލް އެއް ނޫން ތިން ބާރު މިހެން ވަކިވެފައި އޮންނަ އިރު މަޖިލީހުގެ މަސައްކަތްތައް ތަރުތީބު ނުކުރެވިގެން، ގަވައިދަށް ބަދަލު ނުގެނެވިގެން ސުޕްރީމް ކޯޓަށް ދާން ޖެހުން އެއީ އަޅުގަނޑު ޕާސަނަލީ އެހާ ހިތާވާ ކަމެއް ނޫން. އެހެން ނަމަވެސް ކުރަން ޖެހިއްޖެއްޔާ އަޅުގަނޑަށް ޔަގީން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އެކަން ވެސް ކުރާނަން،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ބަހުސްގެ ވަގުތު ކަނޑަނޭޅި އޮތުމަކީ އިތުބާރު ނެތްކަމުގެ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫން ކަމަށާއި ބަހުސްގެ ވަގުތަށް މަޖިލީހުގެ ތަޅުމުންވެސް ހައްލެއް ހޯދޭނެ ކަމަށެވެ.
އަސްލަމް އިތުރަށް ވިދާޅުވީ، މަޖިލިސް ހުއްޓުވާފައި ބޭއްވުމުގެ ފުރުސަތު އެމްޑީޕީގެ ޕީޖީން ނުދޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ މައްސަލަތައްވެސް ކުރިއަށް ގެންގޮސް އެކަމަށްވެސް ގޮތެއް ނިމެން ޖެހޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު