ސިޔާސީ ޕާޓީއަކަށް ވަންނަ ހުށަހަޅާ ފޯމާއި އަލަށް އުފައްދާ ޕާޓީއެއްގެ މެންބަރަކަށްވުމަށް އެދޭ ފޯމުގައި މަންމަގެ އައިޑީ ކާޑު ނަންބަރު ހިމެނުން އިހްތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ހަ ވަނަ އިސްލާހު ގެނެސް އިލެކްޝަން ކޮމިޝަނުން މި މަހުގެ އެއްވަނަ ދުވަހު ގެޒެޓުގައި ޝާއިއުކުރި އުސޫލުގައިވާ ގޮތުން ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގެ ފޯމުގައި، ޕާޓީއަށް ވަންނަ ފަރާތުގެ ޕާސްޕޯޓް ސައިޒް ފޮޓޯ އަކާއި އޭނާގެ މަންމަގެ ނަމާއި އެޑްރެހާއި އައިޑީކާޑު ނަންބަރު ހިމަނަން ޖެހެއެވެ. އަދި އިހުތިޔާރީ ކަމެއްގެ ގޮތުގައި އެމީހާގެ އީމެއިލް އެޑްރެހާއި ސޯޝަލް މީޑިއާގެ އެކައުންޓްތަކުގެ މައުލޫމާތު ހިމަނަން ޖެހެއެވެ.
އެ އުސޫލުގައިވާ ގޮތުގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ފޯމު ހުށަހެޅުމުން، އެ ފޯމްގައި ޖަހާފައިވާ ނަމްބަރަށް، ސިޔާސީ ޕާޓީއަކަށް ވައްދަން ފޯމު ހުށަހަޅާފައިވާ ކަމަށް ބުނެ، އެސްއެމްއެސް ކުރާނެއެވެ. އަދި އެ މެސެޖަށް ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެއެވެ. އަދި އެ މީހެއް ވަންނަ ސިޔާސީ ޕާޓީއަކުން އެމީހަކު ފޯރުކޮށްދީފައިވާ މައުލޫމާތު ކަށަވަރުކޮށްދޭނެ ޖެހޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ޕާޓީއަށް ވަންނަ ފޯމުގައި މަންމަގެ މައުލޫމާތު ހިމަނަން އޮތުމުން، ބައެއް ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ރޭގެ ވަގުތެއްގައި ވަނީ ސިޔާސީ ޕާޓީތަކުގެ ގަވައިދަށް ހަތް ވަނަ އިސްލާހު ގެނެސްފައެވެ. އެ އިސްލާހުގައިވާ ގޮތުގައި ފޯމުގައި މަންމަގެ އައިޑީކާޑު ނަންބަރު ހިމެނުން އޮތީ އިހްތިޔާރީކަމެއްގެ ގޮތުގައެވެ. ނަމަވެސް ފޯމުގެ އެހެން ބައިތަކަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މީގެ ކުރިން ވިދާޅުވި ގޮތުގައި މި ހުރިހާ ބަދަލުތަކެއް ގެނެސްފައިވަނީ ވަގު ފޯމް ހުށަހެޅުން އިތުރުވެ، އެކަންކަން ހުއްޓުވުމަށް ކަމަށެވެ. މި ބަދަލުތަކާ އެކު އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު