އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ.

އީސީން އާންމުކުރި ލިސްޓުގައިވާ ގޮތުން ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 282,755 އެވެ.

އީސީގެ ރައީސް ފުވާދު ތައުފީގު "ވަން" އަށް ވިދާޅުވި ގޮތުގައި, ސެޕްޓެމްބަރު ނުވަވަނަ ދުވަހު 18 އަހަރު ފުރިގެން އަލަށް ވޯޓުލުމުގެ ހައްގު 20,620 މީހުންނަށް ލިބިފައިވެއެވެ.

އީސީން ގެޒެޓު ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅޭނެއެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ވޯޓުލާ މީހުންގެ ލިސްޓުގައި ނަން އޮތްތޯ ނުވަތަ ނަން އޮތީ ރަނގަޅަށްތޯ ބެލުމަކީ ވޯޓުލާ މީހުންގެ ސައްހަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި ޕާޓީތަކުންނާއި ކެންޑިޑޭޓުންނާއި ފަރުދީ ގޮތުންވެސް ކުރަން މުހިންމު ކަމެއް ކަމަށެވެ.

އަދި އެ މައުލޫމާތު 1414 އަށް ގުޅައިގެން ނުވަތަ އެސްއެމްއެސް ކޮށްގެންވެސް ބެލޭނެ ކަމަށް ވިދާޅުވިއެވެ.