ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އަހުޒަމް އަބްދުއްޝުކޫރު (23އ) ގެ ބަންދަށް އިތުރު ފަސް ދުވަސް އަދި ރިފާޝް އަބޫބަކުރު (21އ) ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ނައީމާގެ މަރުގެ މައްސަލައިގައި މާލެއިންވެސް މީހަކު ހައްރުކުރިއެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ މާލެއިން ހައްޔަރުކުރީ ހަސަން ފަވާޒު (21އ)އެވެ. އޭނާގެ ބަންދަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ 30 ދުވަސް ޖަހައިފައެވެ.
އަމިއްލަ ގޭގައި އެކަނި ދިރިއުޅެމުންދިޔަ ނައިމާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު، އޭނާގެ ހަބަރެއް ނުވެގެން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަންއިރު ކޮޓަރި ތެރޭ ބިންމަތީގައި އޮއްވައެވެ. އޭނާގެ ހަށިގަނޑުން ގިނަ އަދި ފުން ޒަހަމްތަކެއް ހުރިކަން ވަނީ އެނގިފައެވެ.
ނައީމާގެ މަރުގެ މައްސަލައިގައި ފުލުހުން އެންމެ ފުރަތަމަ ހައްޔަރުކުރީ އަހުޒަމް އަދި ރިފާޝް އަބޫބަކުރެވެ. އަހުޒަމް ފުރަތަމަ ހައްޔަރުކުރީ އޭނާ ދިރިއުޅޭ ކޮޓަރިން 50 ގްރާމްގެ ޑްރަގު ފެނުނު މައްސަލައެއްގައެވެ. އެ މައްސަލައިގައި އޭނާގެ ބަންދަށް މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު ފުރަތަމަ ޖެހީ ތިން ދުވަހެވެ. އޭގެ ފަހުން، އޭނާގެ ބަންދުގެ މުއްދަތު ވަނީ 26 މެއިގައި 14 ދުވަހަށް އިތުރުކޮށްފައެވެ. އެ މުއްދަތު ހަމަވެފައިވަނީ މި މަހުގެ އަށްވަނަ ދުވަހަށެވެ.
"ވަން" އެނގިފައިވާ ގޮތުގައި ނައީމާ މަރާލުމަށް އެ ގެއަށް ވަދެފައިވަނީ އަހުޒަމްއެވެ. ފާރައަށް ރިފާޝް ހުރި އިރު، އެ ދެ މީހުން އަރުވައިގެން ނައީމާ ގެއަށް ގެންގޮސްދިން ކާރު ދުއްވަން އިނީ ފަވާޒްކަންވެސް އެނގިފައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ނައީމާއަށް ހަމަލާދިނުމަށް އަހުޒަމް އެ ގެއަށް ވަނީ ހެޒްމެޓް ސޫޓެއް ލައިގެންނެވެ. އޭނާ ވަނީ ނައީމާ ގަޔަށް ވަޅި ހެރީ އޭނާ ކަމަށް އިއުތިރާފުވެފައެވެ.
ފުލުހުން ވަނީ އަހުޒަމްވި ކުށަށް އިއުތިރާފުވެ، ކިޔައިންދިން މައުލޫމާތުގެ އަލީގައި ނައީމާއަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ދެ ވަޅިއާއި އެ މީހުން ލައިގެން ތިބި އަންނައުނު އަންދާލުމަށްފަހު ވަޅުގަނޑަކަށް ލާފައި ހުއްޓައި ހޯދައިފައެވެ. މީގެ އިތުރުން އެ މީހުން ދުއްވި ކާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ނައީމާގެ މަރުގެ މައްސަލައިގައި މޯޓިވްއާ ގުޅޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މަނަދޫން "ވަން" އަށް މައުލޫމާތު ދިން މީހުން ބުނެފައިވަނީ އެ މަރަކީ ސިހުރާ ގުޅުން ހުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ނައިމާއަކީ ސިހުރު ހަދާ މީހެއް ކަމަށް އޭނާގެ އާއިލާއިންވެސް ތުހުމަތުކުރާ ކަމަށެވެ. ނައީމާއަކީ އެހާ ތަނަވަސް މީހަކަށް ނުވާތީ ފައިސާގެ ބޭނުމުގައި މަރާލާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެ މީހާ ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު