މެންޗެސްޓާ ސިޓީ

ގާޑިއޯލާ ވަރުބަލިވެފައި، އެކަމަކު ހުވަފެނީ ތަށްޓާއެކު ހިތްހަމަޖެހި ފުދިފައި!

މުޙައްމަދު ޝަމްޢޫން

ޕެޕް ގާޑިއޯލާއަކީ ތާރީހު ދުށް އެންމެ މޮޅު ކޯޗެވެ. ޗެމްޕިއަންސް ލީގު ތަށި މެންޗެސްޓާ ސިޓީއަށް ހޯދައިދިނުމާއެކު ގާޑިއޯލާ ހާއްސަވެސް ވެއްޖެއެވެ. ގާޑިއޯލާއަށް ކިޔަމުން އަންނަ ފާޑުކިޔުންތަކަށްވެސް މަޑުޖެހުމެއް އަންނާނެއެވެ. ސިޓީން ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދީ އިނގިރޭސި ފުޓުބޯޅައިގެ ތަފާތު ތާރީހެއްވެސް ލިޔެލައިފައެވެ. މި ސީޒަނުގެ އެފްއޭ ކަޕާއި ޕްރިމިއާ ލީގުވެސް ސިޓީން ހޯދައި، "ޓްރެބަލް" ފުރިހަމަކުރި އިރު، އެޓީމަކީ ތިން ތަށީގެ ޝަރަފު އެއް ސީޒަނެއްގައި ހޯދި އިނގިރޭސި ދެވަނަ ޓީމެވެ. މީގެ ކުރިން އެކަން ކޮށްފައި އޮތީ 1999 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުންނެވެ.

މިއީ ގާޑިއޯލާގެ ފުރަތަމަ "ޓްރެބަލް"އެއް ނޫނެވެ. މީގެ ކުރިން ބާސެލޯނާއާއެކު އޭނާ ވަނީ އެއް ސީޒަނެއްގައި ހަ ތަށިވެސް ހޯދައި ދުނިޔޭގެ ފުޓުބޯޅަ ތާރީހުން ހާއްސަ ޖާގައެއް ހޯދައިފައެވެ. އެ ކާމިޔާބީތައް މާޒީގައި ހޯދާފައި އޮތް ނަމަވެސް، ގާޑިއޯލާއަށް ސިޓީގައި ނުހޯދި އޮތް ތަށްޓަކީ ޗެމްޕިއަންސް ލީގެވެ. ސިޓީން ބޭނުންވެ، އެތައް މަސައްކަތެއް ކުރަމުންދިޔަ ތަށި ގާޑިއޯލާއަށް ހާއްސަވީ، 2011 ވަނަ އަހަރު ފަހުން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގެއް ހޯދުމުންނެވެ. އެއީ ފާޑުކިޔުންތެރިންނަށް ޖަވާބުދޭން އޭނާ ހޯދި ތަށްޓެއްކަން ޔަގީނެވެ. ތިން ތަށި އެއް ސީޒަނެއްގައި ހޯދައި ގާޑިއޯލާ ދިނީ މެސެޖެކެވެ.

"އަހަރެން މިހުރީ ވަރުބަލިވެފައި. ހަމަޖެހިފައި. ފުދިފައި. މިއީ އުނދަގޫ ކަމެއް،" ރޭގެ މެޗަށްފަހު ޖަޒުބާތުން ފުރިފައި ހުރި ގާޑިއޯލާ ބުންޏެވެ.

ރޭ ތުރުކީގެ އިސްތަންބޫލްގައި ކުޅުނު ފައިނަލުގައި ސިޓީން އިޓަލީގެ އިންޓަ މިލާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 68 ވަނަ މިނެޓުގައި ރޮޑްރީ ޖެހި ގޯލުން ސިޓީ ތަށި ޔަގީންކުރި އިރު، ގާޑިއޯލާގެ ނަޒަރުގައި ޗެމްޕިއަންސް ލީގަކީ ސިޓީގެ އެތައް ކުޅުންތެރިންނަކަށްވެސް އަދި އޭނާގެ އަމިއްލަ ނަފުސަށްވެސް ހުވަފެނީ ތަށްޓެކެވެ.

"މިއީ އަހަރެމެންނަށް ހައްގު ތަށްޓެއް. މިއީ އަހަރެމެންނަށް ހުވަފެނީ ތަށްޓެއް. މިއީ ޖަޒުބާތީ ވަގުތު ކޮޅެއް. ހުވަފެންތައް ހަގީގަތަކަށްވި ވަގުތުކޮޅެއް. އަހަންނަކަށް ނޭނގެ މި ކްލަބާއެކު މިތިބި ކުޅުންތެރިން މި ތަށި ހޯދަން ކުރިހާ އުންމީދެއްވެސް. އެތައް ދުވަހަކު މަޑުކޮށްގެން ތިބީ މި ތަށި ހޯދަން،" ގާޑިއޯލާ ބުންޏެވެ.

ރޭގެ ފައިނަލަކީ މިދިޔަ ތިން އަހަރު ތެރޭގައި ސިޓީން ކުޅުނު ދެވަނަ ޗެމްޕިއަންސް ލީގު ފައިނަލެވެ. 2020-21 ވަނަ އަހަރު ފައިނަލަށްވެސް ސިޓީ ދިޔައެވެ. ބަލިވީ ޗެލްސީ އަތުން 1-0 އިންނެވެ. އެ ހަނދާންތައް ހަނދާން ނައްތާލައި ރޭ ގާޑިއޯލާ ބުނީ "ސިޓީއަށް ތަށި ހައްގު، ސިޓީއަށް ތަށި ހައްގު،" ކަމަށެވެ. އަދި ރޭގެ މެޗުގައި އިންޓަ ބަލިކުރެވުނީ އުނދަގުލުން ކަމަށް ބުނެ ގާޑިއޯލާ ބުނީ "އިންޓައިން ޑިފެންސްކޮށް، ކައުންޓާ އެޓޭކް ކުރި ގޮތް،" އެއީ ޗެލެންޖަކަށް ދިމާވި ކަމެއް ކަމަށެވެ.

ފާގަސަންގެ ޝަރަފެއް ތަކުރާރުކުރެވުމަކީ ފަހުރެއް

ގާޑިއޯލާއަކީ 1992 ވަނަ އަހަރު، ކުޅުންތެރިއެއްގެ ގޮތުގައިވެސް ބާސާއާއެކު ޗެމްޕިއަންސް ލީގު ހޯދި ކޯޗެކެވެ. ބާސާގެ ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ހޯދައި، ގާޑިއޯލާ ވެފައި ވަނީ އެ ކްލަބާއެކު ކުޅުންތެރިއެއްގެ ގޮތުގައި، އަދި ކޯޗެއްގެ ގޮތުގައި ޔޫރަޕްގެ ރަސްކަން ހޯދި ފުރަތަމަ ކޯޗަށެވެ. އެ "ލެގަސީ" ހޯދުނުކަން އޭރު ގާޑިއޯލާއަށް އޮތީ ނޭނގިއެވެ. މިފަހަރު އިނގިރޭސި ފުޓުބޯޅައިގައި އޭނާއަށް ހޯދުނު ޝަރަފާއެކުވެސް ހުރީ ހައިރާންކަމެއްގައެވެ. އެހެން ނަމަވެސް މެޗުގެ ކުރިން ސާ އެލެކްސް ފާގަސަން ކުރި މެސެޖަކާއެކު ގާޑިއޯލާއަށް އޮތީ އެ ޝަރަފު ހޯދުމަށް ހިތްވަރެއް ލިބިފައެވެ.

"ފާގަސަންގެ ތާރީހީ ކާމިޔާބީއެއް ތަކުރާރުކުރެވުމުން އެއީ އަހަންނަށް ޝަރަފެއް. ފާގަސަންގެ މެސެޖެއް މިއަދު ހެނދުނު އަހަންނަށް ލިބުނު. ކާމިޔާބީއަކީ ފަހުރެއް،" ގާޑިއޯލާ ފާގަސަންއާ ގުޅުވައިގެން ބުންޏެވެ.

ގާޑިއޯލާ އާއި ފާގަސަންއަކީ އިނގިރޭސި ކްލަބެއްގައި "ޓްރެބަލް" ފުރިހަމަ ކުރި ހަމައެކަނި ކޯޗުންނެވެ. 2000 ގެ އަހަރުތަކުގައި "ޓްރެބަލް" ކާމިޔާބުކުރެވުނީވެސް މަދު ޓީމުތަކަކަށެވެ. އެއީ ބާސާއާއި އިންޓަ މިލާންގެ އިތުރުން ބަޔާން މިއުނިކާއި ސިޓީއަށެވެ. އޭގެ ތެރެއިން ބާސާއާއި ބަޔާން މިއުނިކް ވަނީ ދެފަހަރަށް "ޓްރެބަލް" ކާމިޔާބު ކޮށްފައެވެ.

ރޭގެ މެޗަށްފަހު ގާޑިއޯލާ ބުނީ ކޮންމެ ސީޒަނެއްގައި "ޓްރެބަލް" ހޯދަން ޖެހޭ ކަމަށް މީހުން ބުނަމުން އަންނަ ނަމަވެސް، ކާމިޔާބީ ޝަރަހަކޮށްދޭން އެކަން ކުރަން ނުޖެހޭ ކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގު ކްލަބަކާއެކު އެއް ފަހަރު ހޯދި ނަމަވެސް، އެ ކްލަބެއްގައި އޭރަކު ތިބޭ ކޯޗުންނާއި ކުޅުންތެރިން ތާރީހުގައި ލިޔެވިގެންދާނެ ކަމަށާއި، ސިޓީން މިދިޔަ ހަ އަހަރު ތެރޭ ހޯދި ފަސް ޕްރިމިއާ ލީގު ތަށްޓަށްވެސް އެކަށީގެންވާ ތައުރީފުކޮށް، އެކަންވެސް ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ.

ފައިސާގެ ތަނަވަސްކަން ސިޓީއަށް އައީ އަބޫ ދާބީގެ ސިޓީ ގްރޫޕުން ކްލަބު ގަތް ހިސާބުންނެވެ. ރޭގެ މެޗު ބެލުމަށް ކްލަބުގެ ވެރިޔާ މަންސޫރު ބިން ޒައިދު އަލް ނަހްޔާން ގޮސްފައިވާ އިރު، އެއީ އޭނާ ސިޓީ މެޗަކުން ފެނުނު ދެވަނަ ފަހަރު ކަމަށް ނޫސްތައް ބުނެއެވެ. ސިޓީގެ މައްޗަށް ފައިނޭންޝަލް ފެއާޕްލޭއާ ހިލާފުވިކަމަށް މައްސަލަތައް އޮތް ނަމަވެސް، ގާޑިއޯލާ ބުނަމުން އަންނަނީ އެކަހަލަ ގޯހެއް ކްލަބުގައި ނެތް ކަމަށެވެ. ކާމިޔާބީގެ ޝުކުރު އެންމެ ބޮޑަށް ހައްގުވާ އެއް ބަޔަކީ ކުލަބުގެ ވެރިން ކަމަށެވެ.

"ކްލަބު ކްލަބެއްގެ ގޮތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވި މައިގަނޑު ސަބަބަކީ އަބޫ ދާބީގެ ވެރިން. އެ ވެރިންނާ ނުލައި މި ކްލަބު މިހާރު މި އޮތް ހިސާބުގައި ނޯންނާނެ. އެއީ އެންމެ މުހިއްމު މީހުން. މި މުބާރާތް ނުހޯދި ކުރަން ޖެހުނު އިންތިޒާރުގައިވެސް ބޯޑުން، ސީއީއޯ ދިން އެއްބާރުލުމަކީ އަހަރެންގެ ކާމިޔާބީގެ ސިއްރެއް،" ގާޑިއޯލާ ރޭ ބުންޏެވެ.

ސިޓީގެ ކުޅުންތެރިންނަށް ރޭގެ މެޗަށްފަހު އިހުސާސްތައް ކިޔައިދޭންވެސް އުނދަގޫކޮށް ފެނުނު އިރު، ސީޒަނުގައި ސިޓީއަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން އާލިން ހާލަންޑް ބުނީ "ގާޑިއޯލާއަކީ ތާރީހު ދުށް އެންމެ މޮޅު ކޯޗު،" ކަމަށާއި، އޭނާއާއެކު މަސައްކަތް ކުރުމަކީ ޝަރަފެއް ކަމަށެވެ. ނޯވޭގެ އާދައިގެ އަވަށަކުން ޔޫރަޕްގެ ބޮޑު ކްލަބަކަށް ގޮސް، ޗެމްޕިއަންސް ލީގެއް އުފުލައިލެވުމަކީ އެތައް ކުދިންނަކަށް އުންމީދީ ފެށުމަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ހާލަންޑް ބުންޏެވެ. އުމުރުން 22 އަހަރުގެ ހާލަންޑް މި ސީޒަނުގެ ލީގުގައި އެކަނިވެސް 36 ގޯލު ޖެހިއިރު، އޭނާ ވަނީ ސީޒަނުގައި ޖުމުލަ 52 ގޯލު ޖަހައިފައެވެ. ރެކޯޑުތަކެއް މުގުރާލައި، ހާލަންޑް ހުރީ ހުވެފެންތައް ހަގީގަތަކަށް ހަދައިގެންނެވެ. އޭނާގެ ތައުރީފު އޮތީ ގާޑިއޯލާއަށެވެ.