މި އަހަރުގެ ރިޔާސީ އިންތިހާބަށް އޮންލައިންކޮށް ރީ-ރަޖިސްޓާ ކުރެވޭގޮތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހަދައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު "ވަން" އަށް މިއަދު ވިދާޅުވީ، މިހާރުވެސް ބައެއް އިންތިހާބުތަކުގައި އޮންލައިންކޮށް ރީ ރަޖިސްޓްރީ ކުރެވޭގޮތް ހަދާފައިވާނެ ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮންލައިންކޮށް ރީ ރަޖިސްޓާ ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކަނޑައަޅާ ވަކި ޕްލެޓްފޯމަކުން އެކަން ކުރެވޭނެ" ހަބީބް ވިދާޅުވިއެވެ.

މީގެ ކުރިން ރީ-ރަޖިސްޓާ ކުރެވެނީ, އެކަމަށް އެދޭ ކަރުދާސް ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ގަވާއިދު ރޭ އާންމުކޮށްފައިވާއިރު, އެ ގަވާއިދުގައި ވަނީ ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު, ކޮމިޝަނުން ކަނޑައަޅާ ނިޒާމެއްގެ ތެރެއިން ހުށަހެޅުމަށެވެ.

ރިޔާސީ އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ، ދާއިމީ ވޯޓާސް ލިސްޓު އާއްމުކޮށް އެއަށް ހުށަހަޅާ ޝަކުވާތައް ބެލުމަށް ފަހުއެވެ. އީސީން ވަނީ ދާއިމީ ވޯޓާސް ލިސްޓް މިއަދު އާއްމުކުރަން ނިންމައިފައެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެއެވެ. އެއަށްފަހު ރީ- ރަޖިސްޓްރީއަށް ހުޅުވާލާނީ އަންނަ ޖުލައި 16، ގަ އެވެ.

ރިޔާސީ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ސެމްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.