މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމުގެ މައްސަލައިގައި، މަޖިލީހުގެ އަމީން އާއްމަށް ދަންނަވާފައިވާނީ، މަޖިލީހުގައި އޮތް އެމްޑީޕީގެ 64 ޕަސެންޓްގެ މެޖޯރިޓީ ގެއްލޭގޮތަށް ކޮމިޓީތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ކަމަށް، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކޮމިޓީތަކުގެ މަސައްކަތް މަޑުޖައްސާލާފައި ވަނީ އަސްލަމްގެ އެދިވަޑައިގަތުމަކަށް ކަމަށް، މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ވިދާޅުވެފައިވާއިރު، އެ މައްސަލައިގައި ނިއުޝާއަށް އަސްލަމް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި މަޖިލީހުގެ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރުމުގައި މެޖޯރިޓީ ލީޑަރުންނާއި މައިނޯރިޓީ ލީޑަަރުގެ މަޝްވަރާ ހޯދަން ވާނެ ކަމަށް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް "މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން އަޅުގަނޑަށް އެކަމުގައި ބަސް ބުނުމުގެ ފުރުސަތު ނުދެއްވައި، އަޅުގަނޑު ނިސްބަތްވާ ޕާޓީ ކަމަށްވާ އެމްޑީޕީގެ 64 ޕަސެންޓް މެޖޯރިޓީ މަޖިލީހުގަިއ އޮވެމެ، މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލޭގޮތަށް ކޮމެޓީތައް ތަރުތީބު ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ އިދާރާގައި އަޅުގަނޑު ދަންނަވާފައިވާނެ،" ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ، އޭނާގެ އެ ނިންމުމަށް އަދިވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލަން ބޭނުންކުރާ އުޒުރެއް ކަމަށް ނިއުޝާ ވިދާޅުވެފައިވާތީ ހިތާމަ ކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން "މަޖިލީހުގެ ގަވާއިދުގެ 106 ވަނަ މާއްދާާގެ (ނ)ގެ ދަށުން އެކުލަވާލާފައިވާ އާއްމު ކޮމިޓީގެ މަސައްކަތްތައް އެ ކޮމިޓީގައި މިވަގުތު ތިއްބެވި މެންބަރުންނާއެކު ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރާތީ އާއްމު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި މަޖިލީހަށް ހުށަހެޅިފައިވާ، ފޮރިން މިނިސްޓަރުގެ މައްސަލައާއި، މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ (ކ) ގެ ދަށުން ހުށަހެޅިފައިވާ މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރުނެތްކަމުގެ ގަރާރަށް ބަހުސް ކުރާނެ ވަގުތު، މަޖިލިސް ގަވާއިދުގެ 108 ވަނަ މާއްދާ އާއި 207 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ކަނޑައަޅައިދެއްވުން،" އެދިވަޑައިގަންނަވާ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުގެ ދާއިމި ކޮމިޓީތައް ހުއްޓޭނެ އެއްވެސް ހާލަތެއް މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައި ނުވާކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، އެ ކޮމިޓީތަކުން މެންބަރުން ވަކިވި ނަމަވެސް ކޮމިޓީ ދެމި އޮންނާނެ ކަމަށާއި، ވަކިވި މެންބަރުންގެ ބަދަލުގައި އެހެން މެންބަރުން އައްޔަން ކުރެވެންދެން ހުއްޓުމެއްނެތި ކޮމިޓީތައް ހިނގާނެކަން މަޖިލިސް ގަވާއިދުގެ 106 ވަނަ މާއްދާގެ (ހ) އިން ކަށަވަރު ކޮށްދޭކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިހާރު މިއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މީގެކުރިން އަމަލު ކޮށްފައިވަނީވެސް އެގޮތަށް ކަމަށް ވިދާޅުވިއެވެ.

"މަޖިލީހުގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއަށް އެކި ފަހަރުމަތިން އައި ބަދަލުތަކާ ގުޅިގެން މީގެ ކުރިން މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ކޮމިޓީތައް އެއްވެސް ފަހަރަކު ހުއްޓުވާލާފައެއްނުވޭ، އަދި އެ އައި ބަދަލުތައް ހަމަޖެއްސުމުގެ މަރުހަލާ ހިނގަމުންދިޔައިރު، މަޖިލީހުގެ ކޮމިޓީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދިޔަ،" އަސްލަމް ވިދާޅުވިއެވެ.