ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ނެޓްވޯކެއް ހިންގާ ކަމަށް ތުހުމަތުކޮށް ފުލުހުން މިދިޔަ މަހު ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ހަށިވިއްކުމުގެ ތުހުމަތަށް ވިލިމާލޭގައި ދިރިއުޅޭ، ބަންގްލަދޭޝްގެ އެމްޑީ ފައިޒުލް އިސްމާއިލް 34އ ހައްޔަރުކުރީ، މިދިޔަ މަހުގެ 25 ގައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ދިނީ 15 ދުވަހެވެ. އެ 15 ދުވަސް ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަކް ކޯޓަށް އިއްޔެ އޭނާ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ.

އޭނާ ބަންދުކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާ އަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުން މީހުން ގެނެސް، ހަށިވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުތެވޭ މީހެކެވެ. އަދި އެ ބާވަތުގެ ކުށުގެ ރެކޯޑް އޭނާގެ އޮންނަ ކަމަށް އަމުރުގައިވެއެވެ.

ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، އެ މައްސަލައިގައި ބަޔާން ނެގި މީހުންގެ ފަރާތުން، އެނގިފައިވާ ގޮތުގައި އޭނާއަކީ އެ ނެޓްވޯކްގެ އިސް ފަރާތެކެވެ. އަދި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ފޯނުން އޭނާއާ މުއާމަލާތްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އޭނާގެ ބަންދު އިތުރުކޮށްފައިވަނީ، އޭނާއަކީ ބަންގްލަދޭޝް މީހަކަށްވުމުން، ފިލައިގެން ދިއުމުގެ ފުރުސަތު އޮތުމާއި މައްސަަލައިގައި ހެކިބަސް ދޭން ތިބި މީހުންނަށް އޭނާ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމާއި އޭނާއަކީ ނެޓްވޯކްގެ ބޮޑެއް ކަމަށް ތުހުމަތުކުރެވޭތީއެވެ.

ފުލުހުން ވަނީ ހަށިވިއްކާ ކަމުގެ ތުހުމަތުގައި މިދިޔަ މަހު، އެހެން ބަޔަކުވެސް ހައްޔަރުކޮށްފައެވެ. އެ ފަހަރު، މާލޭގެ ހަތަރު ތަނެއް ބަލައި ފާސްކޮށް، ބަންގްލަދޭޝްގެ 8 ފިރިހެނުންނާއި އެ ގައުމުގެ އަންހެނެއްގެ އިތުރުން ތައިލެންޑުގެ ހަތަރު އަންހެނަކު ހައްޔަރުކޮށްފައެވެ. އެ އެންމެންވެސް ވަނީ 15 ދުވަހަށް ބަންދުކޮށްފައެވެ.