މިއަހަރު ރާއްޖެއިން ހައްޖަށް ވަޑައިގަންނަވާ ބޭފުޅުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށް ޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ ނައިބު ރައީސް ފައިސަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.

މި އަހަރު ހައްޖަށް ދާ ދިވެހިން ފުރަން ފަށާނީ މާދަމާ އެވެ. މި ފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައި ވަނީ މި މަހު 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

ދިވެހި ހައްޖާޖީންގެ އެންމެހާ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމަޔަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދިވެހި ހައްޖު މިޝަނުން ވަނީ މިއަހަރު ދިވެހި ހައްޖާޖީންނަށް ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ކުންފުނިކަމުގައިވާ ”އަލް ބައިތު ގެސްޓްސް” އާ ބައްދަލުކޮށްފަ އެވެ. ސައުދީގެ "އަލް ބައިތު ގެސްޓްސް" އިން ބުނެފައިވާގޮތުގައި ދިވެހި ހައްޖާޖީން މިނާ އަދި އަރަފާތުގައިވެސް ތިބޭނީ އެއް ސަރަހައްދެއްގަ އެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް 1،000 ކޯޓާ ވަނީ ލިބިފައެވެ. ހައްޖަށް މީހުން ގެންދިއުމަށް ރާއްޖޭގެ ތިން ކުންފުންޏަކަށް ހުއްދަ ދީފައިވާއިރު، ކޮންމެ ކުންފުންޏަކަށް ސަރުކާރުން ވަނީ 90 ކޯޓާ ދީފައެވެ.