ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެލާ ދާއިރާ ރައީސް އަދި ޕީޕީއެމްގެ ސެނެޓް މެމްބަރު އަހުމަދު ގާލިބް އެ ޕާޓީން މިއަދު ވަކިވެއްޖެއެވެ.

ޕާޓީން ވަކިވުމަށް ފޯމް ހުށަހަޅުއްވާފައިވާކަން ހާމަކުރައްވައި ގާލިބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ވަގުތު ޕާޓީއާ އެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް ނެތް ކަމަށާއި ޕާޓީއާއެކު ކުރިއަށްދާނެ މާހައުލެއްވެސް އޭނާއަށް ނެތް ކަމަށެވެ.

"މި ވަގުތު ޕާޓީއާ އެކު ކުރިއަށް ދިއުމަށް އެކަށީގެންވާ ހާލަތެއް / މާހައުލެއް އަޅުގަނޑަށް ނެތަތީވެ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ކެލާ ދާއިރާ ރައީސް ކަމުންނާއި ޕާޓީގެ ސެނެޓުން މިއަދުން ފެށިގެން އިސްތިއުފާ ދިނުމަށްފަހު ޕާޓީން ވަކިވުމަށް އެދި ހުށަޅައިފީމެވެ،" ގާލިބު ވިދާޅުވިއެވެ.

ގާލިބު އަކީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ދެބެންގެ ދެދަރި ކޮއްކޮއެވެ. އަދި ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފްގެ ކޮއްކޮއެވެ.

އޭނާ ވަނީ މީގެ ކުރިން ވަށަފަރު ކައުންސިލުގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވައިފައެވެ. އޭނާ ޕީޕީއެމްއަށް ސޮއިކުރެއްވުމުގެ ކުރިން އުޅުއްވީ ޖުމްހޫރީ ޕާޓީގައެވެ.

ގާލިބު ޕީޕީއެމުން ވަކިވުމަށް ހުށަހަޅާފައިވާ އިރު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަ ނުކުރެއްވޭނެ ހާލަތެއް އަތުވެއްޖެނަމަ، އިތުރު ކެންޑިޑޭޓެއް ނެރުމާ ބެހޭގޮތުން ޕީޕީއެމްގެ ތެރޭގައިވެސް އެކި ފިކުރުތައް ވަނީ އުފެދެން ފަށައިފައެވެ.

އެގޮތުން ޔާމީންގެ ކެންޑިޑެސީއާ މެދު މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒު ސުވާލު އުފެއްދެވި ކަމަށް ބުނެ، އޭނާ ޕީޕީއެމްގެ ސުލޫކީ ކޮމިޓީއަށް ހާޒިރުކޮށް، ބަޔާން ނެގިއެވެ. ރަމީޒް ފަހުން ވަނީ އެ މައްސަލާގައި ޕީޕީއެމުން ވެސް ވަކިވެވަޑައިގެންފައެވެ.