ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްއާ ހަވާލުކޮށްފިއެވެ.
ގާސިމް ޓިކެޓް ހަވާލުކޮށްދެއްވީ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފެވެ. ޖަލްސާގައި ގާސިމް ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ބޭނުންކުރާނެ ލަވައާއި ސްލޯގަންވެސް އިފުތިތާހުކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ސްލޯގަންއަކީ "ހާސް ކަނޑާލާ!، ހަމަޖެހޭނެ!" އެވެ.
ޖުމްހޫރީ ޕާޓީން އޭޕްރިލް މަހުގައި ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލްގެ އިއްތިފާގުން ފާސްކޮށްފައިވަނީ ރިޔާސީ އިންތިހާބުގައި ގާސިމް ވަކިން ވާދަކުރެއްވުމަށާއި ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު ކޯލިޝަން ހަދައި، އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.
އެ ޕާޓީއަކީ މިހާރުވެސް ސަރުކާރު ކޯލިޝަންގެ ބައިވެރިއެކެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި މިނިސްޓަރުގެ މަގާމުތަކާއި ކުންފުނިތަކުގެ ވެރިންގެ ގޮތުގައި އިތުރުން ސަރުކާރުގެ މަތީ ފަންތީގައި ބޭފުޅުން އަދިވެސް އެބަތިއްބެވެ.
އެގޮތުން ނައިބު ރައީސް ފައިސަލް ނަސީމާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ އެ ޕާޓީއާއެކު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ދައުވަތު ދީ އެކަމުގެ މަޝްވަރާތައް ކޮށްފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން، އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރުމުގެ ނިންމުން ބަދަލުކޮށްފައެއް ނުވެ އެވެ.
ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވެމުން އެމްޑީޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ، ހިޔާލުތަފާތުވެފައިވާ ބަޔަކާއެކުގައި މަސައްކަތް ނުކުރެއްވޭނެ ކަމަށާއި އަދި އިންތިހާބާ ހަމައަށް އެކުގައި ނުތިބެވޭނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ. އެމްއާރުއެމްއަކީ ސަރުކާރު ކޯލިޝަނެއްގެ ބައިވެރިއެއް ނަމަވެސް، މި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކުރެއްވުމަށް އެމްއާރުއެމުން އަދި ނިންމައިފައެއް ނުވެއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުންވެސް ވަނީ ކޯލިޝަން ހެދުމުގެ ދައުވަތު ޕާޓީތަކަށް ފޮނުވައިފައެވެ. ނަމަވެސް އެއްވެސް ޕާޓީއަކުން ކޯލިޝަން ހެދުމަށް އެއްބަސްވެފައިނުވެއެވެ.
ގާސިމް ވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ވާދަކޮށްފައެވެ. އެ ފަހަރު ގާސިމަށް ލިބުނީ 27,056 ވޯޓެވެ. އެ ފަހުން 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވާދަކޮށް ގާސިމް ވަނީ 48,131 ވޯޓު ހޯދައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު