ނ. ކުޑަފަރީ ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ "ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023"ގެ ޕާޓްނަރަކަށް ދިރާގު މިއަދު ހަމަޖައްސައިފިއެވެ.
ދުނިޔޭގެ ތިމާވެށި ދުވަސް އަދި ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އެ ފެސްޓިވަލް ބާއްވާނީ މާދަމާ ހަވީރެވެ.
ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި ދުނިޔޭގެ ތިމާވެށި ދުވަސް އަދި ކަނޑުތަކުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ބާއްވާ "ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ" އަށް ކުޑަފަރީ ކައުންސިލަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ ފެސްޓިވަލުގައި މަދަނީ ޖަމިއްޔާތަކާއި ވިޔަފާރިތައް އަދި އެ ރަށުގެ ރައްޔިތުންގެ ތަފާތު މަސައްކަތްތައް ދައްކާލާ އެ ފަރާތްތަކުގެ ވާހަކަތައް ހިއްސާކުރުން އޮންނާނެއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތް ކުރުމަށް އެހީތެރިވާ ފަދަ ދެމެހެއްޓެނިވި އުސޫލުތަކާއި ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކުގެ އިތުރުން އެކި ސަގާފީ ކަންތައްތަކުގެ އިތުރުން ދިވެހި ބޭސްވެރިކަމާއި މިއުޒިކާއި ކާބޯތަކެތީގެ އިތުރުން ދިވެހި ފަންނުވެރިކަންވެސް އެ ފެސްޓިވަލުގައި ފެނިގެންދާނެއެވެ.
ދިރާގުން ބުނީ ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީގައި އެ ކުންފުނީގެ އެމްބެސެޑަރު ޒޫނާ ނަސީމް (ޒޫންޓި) ބައިވެރިވާނެ ކަމަށާއި ގައިޑެޑް ސްނޯކްލިން އަދި ޑައިވިން ފުރަތަމަ ފަހަރަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ފެސްޓިވަލުގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ.