އާޖެންޓީނާގެ މިޑްފީލްޑަރު އެލެކްސިސް މެކް އަލިސްޓާ ލިވަޕޫލާ ގުޅުނުކަން އެ ކްލަބުން ރަސްމީކޮށް އިއުލާނު ކޮށްފިއެވެ.
އާޖެންޓީނާއާއެކު ވޯލްޑް ކަޕް ހޯދި މިޑްފީލްޑަރު މެކް އަލިސްޓާ ލިވަޕޫލަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އޭނާގެ އަގަކީ 35 މިލިއަން ޕައުންޑެވެ. އިތުރު ބޯނަސްތަކާއެކުވެސް މެކް އަލިސްޓާގެ އަގު އަރާނެ ކަމަށް ބެލެވެނީ 55 މިލިއަން ޕައުންޑަށެވެ.
ބްރައިޓަންއާއެކު ކާމިޔާބު ސީޒަނެއް ނިންމާލި މެކް އަލިސްޓާ ލިވަޕޫލާ ގުޅުމުގެ ކުރިން އޭނާއަށް އޮތީ ޔޫރަޕްގެ ޓީމުތަކުގެ ޑިމާންޑް ބޮޑުވެފައެވެ. ބްރައިޓަނުން ޔޫރޮޕާ ލީގުގެ ޖާގައަކާއެކު މި ސީޒަން ނިންމާލާފައިވާ އިރު، މިއީ ބްރައިޓަންގެ 122 އަހަރުގެ ދިގު ތާރީހުގައި އެ ޓީމަށް ޔޫރަޕްގެ މުބާރާތަކުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. ބްރައިޓަންގެ އެ ނަތީޖާތަކުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިންގެ ތެރޭގައި މެކް އަލިސްޓާ ހިމެނޭ އިރު، އޭނާ ހޯދަން ސީޒަނުގެ މެދުތެރެއިންވެސް ލިވަޕޫލުން ދިޔައީ މަސައްކަތް ކުރަމުންނެވެ.
މެކް އަލިސްޓާއަށް ލިވަޕޫލުން ދޭނެ އަގެއް ކަމަށް ފުރަތަމަ ބެލެވުނީ 60 މިލިއަން ޕައުންޑެވެ. އެހެން ނަމަވެސް ދެ ކްލަބުގެ ވާހަކަތަކާއެކު އެ އަގު ބޮޑުތަނުން ކުޑަކޮށް، ލިވަޕޫލުން އޭނާ ގެންދިޔައީ ރިލީސް ފީއަށެވެ.
ލިވަޕޫލާ ގުޅި މެކް އަލިސްޓާ ބުނީ "މިއީ ހުވަފެނެއް ހަގީގަތެއް ވުން ކަމަށާއި،" ލިވަޕޫލާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ލިވަޕޫލުން އަންނަ ސީޒަނަށް މިޑްފީލްޑަރެއް ހޯދުމަށް ކުރި މަސައްކަތުގައި ޖޫޑް ބެލިންހަމްއަށް ޓާގެޓްކޮށް އޭނާ ގެންދަންވެސް މަސައްކަތް ކޮށްފައިވާ އިރު، ބެލިންހަމް ވަނީ ރެއާލް މެޑްރިޑަށް ދާން ނިންމާފައެވެ. ލިވަޕޫލުން އޭނާ ހޯދުމުގެ ހިޔާލު ދޫކޮށްލީ އަގުބޮޑުވުމުންނެވެ.
މިދިޔަ ސީޒަނަށްފަހު ލިވަޕޫލުގެ މިޑްފީލްޑަރުން ކަމަށްވާ ޖޭމްސް މިލްނާއާއި ނަބީ ކެއިޓާ އަދި އެލެކްސް އޮކްސްލޭޑް ޗެމްބަލިން ވަނީ އެ ކްލަބު ދޫކޮށްލައިފައެވެ. އޭގެ ތެރެއިން މިލްނާ ދިޔައީ މެކް އަލިސްޓާގެ ކުރީގެ ކްލަބު ބްރައިޓަންއަށެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް