ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނާއިބު ރައީސް އީވާ އަބުދުﷲގެ އިތުބާރުނެތްކަމުގެ މައްސަލައަށް ގޮތެއް ނުނިންމައި މަޖިލީހުގައި ދެން އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަަނަ މާއްދާއާ ހަވާލާދެއްވައެވެ.
މަޖިލިސް ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ)ގައި ބުނަނީ، މަޖިލިސް ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރުގެ ލިޔުން މަޖިލީހަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ ގަރާރުގެ ނޯޓިސް އަމީން އާއްމު މެންބަރުންނަށާއި މަޖިލީހުގެ ރައީސްއަށާއި ނައިބު ރައީސަށް ދިނުމަށްފަހު 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހު ބާއްވާ މަޖިލިސް ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެއެވެ.
އެ މާއްދާގެ (ރ)ގައި ބުނަނީ އެ 14 ދުވަހުގެ މުއްދަތު ހަމަވެގެން ގަރާރު މަޖިލީހަށް ހުށަހެޅުމަށްފަހު އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސްކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަންވާނީ އެ ބޭފުޅުން ވަކިކުރުމުގެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހުގައެވެ.
އަސްލަމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ ގުޅިގެން މަޖިލިސް އިދާރާއިން ފޮނުވި 14 ދުވަހުގެ ނޯޓިސްގެ މުއްދަތު މި މަހު 11 އަށް ހަމަވާނެ ކަމަށެވެ. އެހެންކަމުން އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނުނިންމާ މަޖިލީހުގައި ކުރެވޭނެ އެހެން މަސައްކަތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އީވާގެ މައްސަލައިގައި ނޯޓިސް ފޮނުވާފައިވަނިކޮށް، އެ މައްސަލައާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާއިން ފޮނުވި އިތުރު ސިޓީއެއް މިއަދު ލިބިފައިވާ ކަމަށެވެ. އެ ސިޓީގައި އީވާގެ މައްސަަލައަށް މި މަހުގެ 11 ވަނަ ދުވަހު ބަހުސް ފަށާ ގޮތަށް ކުރިން އޮތް ނަމަވެސް އެ ދުވަހު ބަހުސް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް ބުނެފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، އޭގެ ސަބަބެއް ކަމަށް ބުނެފައިވާ އޮތީ އެ މައްސަލައިގައި ބަހުސްކުރާނެ ގޮތެއް އާއްމު ކޮމިޓީން ކަނޑައަޅާފައި ނުވުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު