އުމުރުން 19 އަހަރުގެ އިންގްލެންޑް މިޑްފީލްޑަރު ޖޫޑް ބެލިންހަމް ރެއާލް މެޑްރިޑަށް ދާން އެއްބަސްވެ، އެކަން ރަސްމީކޮށް އިއުލާނުކުރަން ދެ ކްލަބުން ތައްޔާރުވެއްޖެއެވެ.

ޑޯޓުމަންޑަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރަކީ ދުނިޔޭގެ ފުޓުބޯޅައިގައި މިހާރު ހުރި އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔާއެވެ. އޭނާ ހޯދަން ގިނަ ކްލަބުތަކަކުން މަސައްކަތް ކުރަމުން އަންނަ އިރު، ބެލިންހަމް ހޯދުމަށް ކްލަބުތަކުން އެންމެ ބޮޑަށް މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރު ގަތަރުގައި ނިމިދިޔަ ވޯލްޑް ކަޕްގައި އޭނާ އިންގްލެންޑުގައި ދެއްކި މޮޅު ކުޅުމާވެސް އެކުގައެވެ.

ބެލިންހަމް ވޯލްޑް ކަޕްގައި ރަނގަޅަށް ކުޅެފައިވުމާއެކު އޭނާގެ ކްލަބު، ޑޯޓުމަންޑުން ވަނީ ފުރަތަމަވެސް ބޮޑު އަގެއް ޑިމާންޑް ކޮށްފައެވެ. ޑޯޓުމަންޑުން ބެލިންހަމްއަށް 129 މިލިއަން ޕައުންޑް ކިޔާފައިވާ އިރު، ލިވަޕޫލް ފަދަ ކްލަބުތަކުން އޭނާ ހޯދުމުގެ ރޭހުން ބޭރުވީ އަގުބޮޑުވުމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ބެލިންހަމް ގެންދަން ރެއާލްއިން ފުރަތަމަ ހުށަހެޅީވެސް ގާތްގަނޑަކަށް 86 މިލިއަން ޕައުންޑްގެ އަގެކެވެ.

އެއަގާއެކުވެސް ޑޯޓުމަންޑުން މަޝްވަރާކުރަން ބޭނުންވި އިރު، ދެ ކްލަބަށް އެއްބަސްވެވުނު ޓްރާންސްފާ ފީއަކީ 88.5 މިލިއަން ޕައުންޑެވެ. އެކަން ޑޯޓުމަންޑުން ރޭ ރަސްމީކޮށް އިއުލާނުވެސް ކޮށްފައިވާ އިރު، އެ ކްލަބުން ބުނީ އިތުރު އެޑް އޮންސްތައްވެސް ދޭން ރެއާލްއިން އެއްބަސްވެފައިވާ ކަމަށެވެ. ބީބީސީ ސްޕޯޓްސްއިން ބުނީ ބެލިންހަމްގެ ޓްރާންސާގެ އަގު އެކުޖުމުލަ، 115 މިލިއަން ޕައުންޑަށް އަރާނެ ކަމަށެވެ. އެ އަގުގައި ޑޯޓުމަންޑް ޓްރާންސްފާ ނިންމައިފި ނަމަ، އޭނާ ވެގެންދާނީ އިނގިރޭސި އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ނިންމުމަށާއި، މެޑިކަލް ނިންމުމަށް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ބެލިންހަމް ސްޕެއިނަށް ދާނެއެވެ.

ބެލިންހަމް އުމުރުން 17 އަހަރުގައި ޑޯޓުމަންޑަށް ދިޔައީ ދެވަނަ ޑިވިޝަނުގައި ބާމިންހަމްއަށް ސީޒަނެއް ކުޅުމަށްފަހުއެވެ. ޑޯޓުމަންޑުން ބެލިންހަމް ގެންދިޔައީ 25 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެ އަގަކީ 17 އަހަރުގެ ކުޅުންތެރިޔަކަށް ރެކޯޑު އަގެކެވެ. ބެލިންހަމް އެއް ސީޒަނަށް ބާމިންހަމްގައި ކުޅުމަށްފަހު ކްލަބު ދޫކޮށްލުމާއެކު ބާމިންހަމްއިން އޭނާގެ ޖާޒީ ނަންބަރު ރިޓަޔާކޮށްފައިވާ އިރު، އެކަމަށް ވަނީ ފާޑު ކިޔުންތައްވެސް އަމާޒުވެފައެވެ.

ބެލިންހަމް ނިމިދިޔަ ސީޒަނުގައި ކުޅުނު 42 މެޗުގައި 14 ގޯލު ޖަހައި ހަތް އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ. އޭނާއަކީ ނިމިދިޔަ ޖަރުމަނު ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.