ޚަބަރު

ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓްގެ ނަމުގައި ޕާޓީއެއް އުފައްދަން ހުއްދަ ދީފި

1

ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓްގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީން މިއަދު ބުނީ "ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މ. ފެހިވިނަ، މުހައްމަދު އާތިފަށް ދީފައިވާ ކަމަށެވެ.

މި ޕާޓީ އުފެއްދުމަށް ކޮމިޝަނަށް ހުށަހެޅުމަށްފަހު އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު އާތިފް މީޑިއާތަކަށް ވިދާޅުވީ، އަލަށް އުފައްދާ ޕާޓީގެ އިސް ސަފުން ރާއްޖޭގެ މަޝްހޫރު ސިޔާސީ މީހަކު ފެނިގެން ނުދާނެ ކަމަށާއި މި ޕާޓީއަކީ ތައުލީމީ ގާބިލް ބަޔަކު އިސްކޮށް ހަރާތްތެރިވެގެން އުފައްދާ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑުމެން މިއީ ގައުމަށް ބަދަލުގެންނަން ބޭނުންވާ ބައެއް. އާ ލީޑާޝިޕެއް މިއީ އިނގޭތޯ،" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން 3،000 މެމްބަރުން ހަމަކޮށް، ޕާޓީ ރެޖިސްޓާ ކުރާނެ ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން ޕާޓީގެ ރެޖިސްޓްރޭޝަން ޕްރޮސެސް ނުނިމުނަސް، ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަ ކުރާނެ ކަމަށެވެ.

ޑރ. އާތިފަކީ 2017 ވަނަ އަހަރު ބަންގްލަދޭޝްގައި މަރުވި ރާއްޖޭގެ މަޝްހޫރު މޮޑެލް ރައުދާ އާތިފްގެ ބައްޕައެވެ.

ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަން ހުށަހަޅައިފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން 3560 ފޯމް މިހާރު ވަނީ އީސީއަށް ހުށަހަޅައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟