ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖޭން ބަލައިގަންނަކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވާފައިވާ ސިޓީފުޅު ހޯދަން އިދިކޮޅުން ރައީސް އޮފީހަށް މިއަދު ހިނގައްޖެ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ބުނީ ރައީސްގެ ސިޓީ ހޯދަން އިދިކޮޅުގެ ޕާލަމަންޓްރީ ގްރޫޕުން ރައީސް އޮފީހަށް ދިޔައީ މިއަދު ހެނދުނު 11:30 އަށް ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، އިދިކޮޅު ކޯލިޝަނުން، މިއަދު ރަސްމީ ބައްދަލުވުމަކަށް އެޕޮއިންޓްމަންޓަކަށް އެދިފައި ނުވާ ކަމަށެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއްވެސް މަޖިލީހަށް މިހާރު ވަނީ ވައްދައިފައެވެ. ނަމަވެސް އެ މައްސަލައިގެ ވޯޓާ ހަމައަށް ދިއުމުން، މަޖިލިސް ނިޒާމް ގެއްލުވާލައި ކުރިއަކަށް ނުގެންދިޔަ އެވެ.

މޮރިޝަސް އަށް ފޮނުއްވި ސިޓީފުޅު ހޯދަން އިދިކޮޅުން ރައީސް އޮފީހަށް ގޮސްފައިވާއިރު، އެ ސިޓީ ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންވެސް ވަނީ ނިންމައިފައެވެ.