އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފަރާތްޕުޅުން އެމްޑީޕީއަށް އެއްވެސް ފައިދާއެއް މިހާރު ނުކުރާ ކަމަށާއި ނަމަވެސް އެ މަނިކުފާނަށް ފިޔަވަޅު އަޅަން އަދިވެސް އުނދަގޫކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިމަހުގެ ތިނަކުން ފަހަކަށް، އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރައީސް ނަޝީދަށް ފިޔަވަޅު އެޅުމަކީ އަދިވެސް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ.
"ދެން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަމެއް ތިއީ. (ނަޝީދަށް ފިޔަވަޅު އެޅުން)، ތިއީ ހަމަ ވަރަށް ރަނގަޅު ވާހަކައެއް (ނަޝީދުގެ ފަރާތުން އެމްޑީޕީއަށް ފައިދާއެއް ނުކުރޭ)، ނަމަވެސް، އަދި އެކަމުގައި (ފިޔަވަޅު އެޅުމަށް) މަޑުޖެހިލައިގެން މިތިބީ"" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް މީގެ ކުރިންވެސް ވަނީ ނަޝީދަށް ފިޔަވަޅު އަޅަން ދަތިކަމަށް ވިދާޅުވެފައެވެ. އެއީ ނަޝީދަކީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ލިބިވަޑައިގެން ހުންނެވި އެމްޑީޕީ އުފެއްދުމުގައިވެސް އުޅުއްވި ބޭފުޅެއް ކަމަށްވާތީ ކަމަށް ވިދާޅުވިއެވެ.
ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށްޓަކައި އެމްޑީޕީން ވަކިވެވަޑައިގަތް 12 މެންބަރުންނަށް އިޝާރާތްކުރައްވައި ފައްޔާޒް ވިދާޅުވީ، އެ މެންބަރުން ވަކިވިޔަސް އެމްޑީޕީ ހަލާކުވާ ވަރުގެ ގެއްލުމެއް ނުވާ ކަމަށާއި ވީ ފައިދާ ކަމަށެވެ.
"މީގަ ކޮންމެވެސް ވަރަކަށް ފަސޭހައެއްވެސް ވޭ. އެނގިވަޑައިގަންނަވާނެ ގެއެއްގެ ތެރޭގައި އެ ކިޔާ ފަސް ވަނަ ތަނބު އިނދެއްޖެ ކަމަށްވަންޏާމު އެ އިމާރާތަށް ވަރަށް ގެއްލުންވާނެ. އެހެންވީމާ ގޭތެރޭގައި ގޯސް ހެދޭއިރުގައި އަޅުގަނޑުމެންނަށް ވަރަށް ދަތި އެއާ ޑީލްކުރަން. މިހާރު އަޅުގަނޑުމެންނަށް ފަސޭހަ. އަޅުގަނޑުމެންގެ ޕާޓީގެ ބޭފުޅުންނެއް ނޫން އެއީ މިހާރު" ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ މަޖިލީހުގެ ގިނަ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި ނަޝީދު މިހާރު ވަނީ ޕާޓީގެ އަސާސީ ގަވައިދާ އެތައް ފަހަރެއްގެ މަތިން ހިލާފުވެވަޑައިގެންފައެވެ. އެކަމަށްޓަކައި އެމަނިކުފާނަށް ފިޔަވަޅު އަޅަން ޖެހޭނެކަމަށްވެސް އެ މެންބަރުން ގަބޫލުކުރައްވައެވެ.
ޚަބަރު
ޚަބަރު
ޚަބަރު