ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން، މުހައްމަދު ނަޝީދު ވަކިކުރާން ޖެހޭ ސަބަބެއް ނެތް ކަމަށް، އެމްއެންޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ، މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރުމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ފަށާފައިވާ މަސައްކަތާ ގުޅިގެން "ވަން" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާން ނިންމަވާފައިވާ، ނާޒިމް ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަށް ނަޝީދު ހަމަޖެއްސި ދުވަހުން ފެށިގެން މިއަދާއި ހަމަޔަށް ކަންކަން ނުކުރައްވާ ވަކި އާ ގޮތަކަށް އެ މަނިކުފާނު ކަންތައްތަކެއް ކުރައްވާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ކުރީންވެސް ކަންތައް ނުކުރާ ވަކި ތަފާތު ގޮތަކަށް ކަންތައްތަކެއް ކުރައްވާކަމަކަށް ގަބޫލެއް ނުކުރެވޭ. މިދެންނެވީ ނަޝީދު މަޖިލީހަށް އިންތިހާބުކުރި ދުވަހުން ފެށިގެންވެސް ކަންކަން ކުރައްވާ ގޮތަށޭ މިހާރުވެސް އެ ކުރައްވަނީ." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރާން އުޅެނީ ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް ކަންކަން ނުވުމުން ކަމަށާއި އެނޫން ސަބަބެއް ނެތް ކަމަށެވެ. ނަޝީދު ވަކިކުރަން އޭނާއާއި އެމްއެންޕީގެ ވޯޓުވެސް ނުލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީ ޕީޖީ ގުރޫޕުން ނިންމީ އިއްޔެ އެވެ. އަދި ބޭނުންވާ އަދަދަށް ސޮއި މިހާރު ހަމަވެފައިވާ ކަމަށް ވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.