ބާވީސް ރަށަކަށް ބޭނުންވާ ކުނި މެނޭޖުކުރާ ސާމާނު ހޯދަން ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސޯ އިންޖީނިއަރިން ޕްރައިވެޓް ލިމިޓަޑާ ހަވާލުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ސޯ އިންޖީނިއަރިންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ބަނޑުލު ޖަޔަރަތުނައެވެ.
މިނިސްޓްރީން ބުނީ ސޯ އިންޖީނިއަރިންއާ ހަވާލުކުރީ މ، ފ، ދ، ތ އަދި ލ. އަތޮޅުގެ ހިމެނޭ ގޮތަށް 22 ރަށަކަށް ބޭނުންވާ ކުނި މެނޭޖުކުރާ ސާމާނު ހޯދަން ކަމަށެވެ. އެ މަސައްކަތަކީ ވޯލްޑް ބޭންކުގެ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ދަށުން 7.6 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށްވެސް ބުންޏެވެ.
އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ސާމާނުތަކުގެ ތެރޭގައި މަލްޓިޕާޕަސް މިނީ ބޭލާ، ސިންގަލް ފީޑް ގްލާސް ބޮޓަލް ކްރަޝާ، ކުނި ކަލެކްޓުކުރުމަށް ބޭނުންކުރާނެ އެކިވަރުގެ ޑަސްބިން، ޕީޕީއީ ކިޓް އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭއެވެ. އެއްބަސްވުމުގައިވާ ގޮތުން ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ތަކެތި ދިވެހި ސަރުކާރާ ހަވާލުކުރަންޖެހެއެވެ.
"މި މިނިސްޓްރީގެ ތަސައްވަރަކީ މި މަޝްރޫއުތައް ނިމިގެންދާއިރު، މި ރަށްތަކަކީ ރަށު ފެންވަރުގައި ދެމެހެއްޓެނިވި ސިފައެއްގައި ކުންޏާއި ވަސީލަތް މެނޭޖުކުރުމަށް ގާބިލު ރަށްތަކަކަށް ވެގެންދިއުމެވެ. އަދި އެއްބަސްވުމުގައި މިއަދު މި ސޮއި ކުރެވުނު މަޝްރޫއުގެ ސަބަބުން، ރަށުގައި އުފެދޭ ކުނިތައް އެކަށީގެންވާ ނިޒާމެއްގެ ދަށުން ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒަށް ގެނެއުމުގެ މަސައްކަތައް އެހީތެރިވެދީ، ގިނަ އަދަދެއްގެ ދަގަނޑު، ޕްލާސްޓިކު އަދި ކަރުދާސް ފަދަ ކުނިތައް ބޭލްކޮށް، ވޮލިއުމް ރިޑިއުސްކޮށް، ރަށުން ބޭރުކުރެވެންދެން ރައްކާކޮށް ބެހެއްޓުމުގެ ގާބިލުކަން އިތުރުވެގެންދާނެ" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ، އެހީ ދޭ އެކި ފަރާތްތަކާއެކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުނި މެނޭޖުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި ރަށްރަށުގައި ކުނި އުފުލުމަށް ބޭނުންވާ އުޅަނދުތަށް ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އެ މަސައްކަތް ނިމިގެންދާއިރު ހުރިހާ ރަށަކަށް ކުނި އުފުލާ އުޅަނދުތައް ފޯރުކޮށްދެވޭނެ ކަމަށްވެސް ބުންޏެވެ.