ޔޫކްރޭންގެ ޑޭމް ގޮއްވާލުމުން އެތައް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

ޔޫކްރޭންގެ ނޯވާ ކަރްކޯވްކާ ޑޭމް ގެ ބޮޑު ބައެއް ގޮއްވާލާފައިވާއިރު ޖެހިގެން އޮންނަ ސިޓީ ފެންބޮޑުވެ އެތައްބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ޔޫކްރޭންގެ ސަރުކާރުން ވަނީ ޑޭމް ގޮއްވާލާފައިވަނީ ރަޝިޔާއިން ކަމަށް ބުނެފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހުންނަ ހައިޑްރޯ އިލެކްޓްރިކް ޕަވަ ސްޓޭޝަނަކަށް ވެސް ހަމަލާދީފައި ކަމަށް ބުނެފައެވެ.

ޔޫކްރޭންގެ ރައީސް ޒެލެންސްކީ ވަނީ ޑޭމް ގޮއްވާލުން އެއީ އެސަރަހައްދުގެ ތިމަވެއްޓަށް 10 އަހަރަށް ދެމިގެންދާނެ ބޮޑު ގެއްލުމަކަށް ވާނެކަމަށް ވިދާޅުވެފައެވެ.

ޑޭމް ގޮއްވާލުމުގެ ސަބަބުން އެ ޑޭމްގެ ފެންގަނޑު 3 ފޫޓަށް ވުރެން އުސްވެފައިވާއިރު އެތައް ބަޔަކު ރައްކާތެރި ސަރަހައްދު ތަކަށް ވަނީ ބަދަލުކޮށްފައެވެ. 40،000 އަށްވުރެ ގިނަ މީހުންނަށް މިކަމުގެ އަސަރު ކުރާނެ ކަމަށް ޔޫކްރޭން އިން ބުނެއެވެ.