ޚަބަރު

ޑިމޮކްރެެޓްސް އިން ހުށަހެޅި މެންބަރުންގެ ފޯމުތައް ކޮމިޝަންގެ ތެރެއިން ލީކެއް ނުވޭ: އީސީ

މުހައްމަދު އިޝާން

ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ތާއީދުކުރައްވާ ބޭފުޅުން އުފައްދާ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން ހުށަހެޅި ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތެރެއިން ލީކުވެފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން 3560 ފޯމް، އީސީއަށް ހުށަހެޅީ މި މަހުގެ އެއްވަނަ ދުވަހުއެވެ. ނަމަވެސް އެ ޕާޓީގެ ފަރާތުން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ، އީސީގެ ވެބްސައިޓުގައި އެ ޕާޓީއަށް ވަން މީހުންގެ ލިސްޓު އާންމުކުރުމުގެ ކުރިން އެ ލިސްޓު ލީކުވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބަށް އެ ކޮމިޝަނުން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގައި އީސީގެ މެމްބަރުންނާއި މުވައްޒަފުންގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަނުދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.

"މި ކޮމިޝަނުން ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ މައުލޫމާތު ލީކުކޮށްފައިވާ ކަމަށް ބުނެ ދައުރުވަމުންދާ ހަބަރާ ގުޅިގެން ދަންނަވަމެވެ' މިފަދަ ކަމަކީ މި ކޮމިޝަންގެ ތެރޭގައި ހިންގާފައިވާ ކަންކަމެއް ނޫނެވެ. އަދި މިފަދަ އެއްވެސް އަމަލެއް، މި ކޮމިޝަންގެ އެއްވެސް މެމްބަރަކު ނުވަތަ މުވައްޒަފަކު ހިންގާފައި ނުވާކަން އެންމެހާ ދިވެހި ރައްޔިތުންނަށް ދަންނަވަމެވެ" އީސީން ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝިއްޕެ ވިދާޅުވެފައިވަނީ ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ދަ ޑިމޮކްރެޓްސް އުފައްދަން ސޮއިކުރި މީހުންނަށް ބިރު ދައްކައި ނަން އަނބުރާ ނެގުމަށް އަންގަމުންދާ ކަަށެވެ. އަދި އެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.