އެއްވެސް މީހަކަށް ހަމަލާ ދޭން ނޫޅުއްވާ ކަމަށާއި ސިޔާސީ ކަންކަމުގައި ބަލިކުރާނީ ވޯޓުން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ރައްދު ދެއްވައިފިއެވެ.
އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތުގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދާ ގޮތާ މެދު އެމްޑީޕީގެ މެންބަރުންގެ ނުރުހުން ރައީސް ނަޝީދަށް އޮތް އިރު, އިއްޔެގެ ޖަލްސާއަށްފަހު ނަޝީދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގުނީގެ ކުރިމަތިލުމެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވިއެވެ.
އެ ވީޑިއޯގައި މުގުނީ ނަޝީދުގެ ހަށިކޮޅާ ދިމާލަށް އަތުން އިޝާރާތް ކުރައްވައި ހުތުރުބަހުން މުއާމާލަތް ކުރައްވާއިރު އެކަން ހުއްޓުވީ އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަދި ރައީސް ނަޝީދު ނިޔާޒަށް އިންޒާރު ދޭ ވީޑިއޯއެއް މިއަދު ވަނީ އާންމުވެފައެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ޓުވީޓު ކުރެއްވި އެ ވީޑިއޯގައި ފެންނަނީ މަޖިލީހުގެ ގޯތި ތެރޭގައި ނިޔާޒު އިންނަވަނިކޮށް އޭނާ ކައިރިއަށް ނަޝީދު ވަޑައިގެން އިނގިލި ދިއްކުރައްވާ މަންޒަރެވެ. އަދި އެ މަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދޭން މުގުނީ އިއްޔެ ފޮނުވީ ނިޔާޒު ކަމަށް ތުހުމަތު ކުރައްވައި، ވިސްނައިގެން އުޅުމަށް ވިދާޅުވެ އިންޒާރު ދޭ އަޑުވެސް އިވެއެވެ. އެ ވަގުތު މަޖިލިސް ގޯތިތެރޭގައި ގިނަ އަދަދެއްގެ މެންބަރުން ތިއްބެވިއެވެ.
އެކަމާ ގުޅިގެން ނިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި އޭނާއަކީ ކުޅިވަރު ކުޅުނު މީހެއް ކަމަށާއި ކުޅިވަރުގައި ދަސްވި އެއްކަމަކީ މޮޅުވުމާއި ބަލިވުން އޮންނަކަން ކަމަށެވެ.
“ކޮންމެ ފަހަރަކު މޮޅެއް ނުވާނެ. ބަލިވާ ފަހަރު ބަލި ގަބޫލުކުރަންވާނެ. އެއީވެސް ރީތި ސިފައެއް! އެއްވެސް މީހަކަށް ހަމަލާދޭން ނޫޅެން. ބަލިކުރާނީ އަބަދުވެސް ވޯޓުން,” ނިޔާޒުގެ ޓުވީޓުގައިވެއެވެ.
ނިޔާ މިހެން ވިދާޅުވި އިރު, ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު