އައިޖީއެމްއެޗްގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާކުރާ ހަލީމަތު ލަމްހާއަށް ބަންދުގެ ލުޔެއް ދެވެން ނެތް ކަމަށް ނިންމައިފިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ

އެ މައްސަލައިގައި މިއަދުވެސް އޮތީ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ. އެގޮތުން މިއަދު ހަތަރު މީހެއްގެ ހެކިބަސް ނެގިއެވެ. މިއަދުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އަދި ބާކީ 50 އެއްހާ މީހުންގެ ހެކިބަސް ނެގުން އެބަ އޮތް ކަމަށެވެ.

ހެކިބަސް ނަގައި ނިންމުމަށްފަހު، ލަމްހާ 100 ދުވަހަށް ބަންދުން ދޫކޮށްދިނުމަށް އޭނާގެ ވަކީލުން ހުށަހެޅިއެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ލަމްހާ ބަންދުކުރަން ގާޒީ ކުރިން ނިންމެވި ސަބަބު އަދިވެސް އޮތަތީވެ ބަންދަށް ލުޔެއް ދީފައެއް ނުވެއެވެ.

ލަމްހާ މީގެ ކުރިން ފާހަގަކުރި ބައެއް ކަންތައްތަކުގެ ތެރޭގައި، އޭނާގެ މައިބަދައިގެ ޑިސްކެއްގައި ރެނދެއް ލާފައިވާތީ "ބެޑް ރެސްޓް" ކުރަން ޑޮކްޓަރުން ލަފާ ދީފައިވާއިރު، ޖަލުގައި އުޅެން ޖެހެނީ ކުދިކުދި ކަންކަންވެސް ކޮށްދޭނެ މީހެއްގެ އެހީ ނެތިކަން ފާހަގަކޮށްފައިވެއެވެ.

އޭނާ ބުނެފައިވާ ގޮތުގައި ފެން ބޭނުންކުރަން ދީފައި އޮންނަ ދެ ފޫޓު ހަމަވާ ވަރުގެ ހޮޅިން ފެން ބޭނުންކުރަން ދަތި ކަމަށާއި އެ ހޮޅިއާ ގުޅުވާފައި ޖަލު ތެރޭގައި އޭނާއަށް ނަންނަމުން ގޮވާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ވާހަކަދައްކާ ގޮތުން ނަރުސް މީހާގެ ގާތިލު ގޮތުގައި އޭނާ ސިފަކުރާ ކަމަށްވެސް ބުނެފައިވެއެވެ.