ޗައިނާގެ އެހީގައި ޔޫއެންޑީޕީން ރާއްޖެއަށް އިމަޖެންސީ ލައިފް ސޭވިން ސާމާނު ހަދިޔާކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ، ހަދިޔާކުރި ސާމާނުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް ކޮވިޑް-19 އިން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމަށާއި ނޭވާލާ ނިޒާމާއި ފުރާނައަށް ނުރައްކާވާ ބަލިތަކަށް މުހިންމު ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ސާމާނު ކަމަށެވެ.
މި ސާމާނުތަކާއި ޕީޕީއީ ރާއްޖެއަށް ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗައިނާގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވެންގް ލިޒިންއެވެ. ސަރުކާރުގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ.
ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، މި ސާމާނު ރާއްޖޭގެ 10 ހޮސްޕިޓަލަކަށް ފޮނުވާނެއެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ދޭ ތަންތަނަށް މުހިންމު ވަސީލަތްތައް ހަމަހަމަކަމާ އެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން، ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އޮންސައިޓް ތަމްރީނުތައްވެސް ފޯރުކޮށްދޭނެ ކަމަށް ބުންޏެވެ.