ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ނިންމި ނަމަވެސް އެ މަނިކުފާނުގެ ވަކި ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ނަޝީދު ވަކިކުރުމަށް ނިންމާފައިވަނީ އެމްޑީޕީގެ ޕީޖީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ ތެރެއިން 36 މެންބަރުންގެ ވޯޓުންނެވެ. މިހާރު އެ މައްސަލައިގެ ޕެޓިޝަންގައި ވަނީ ސޮއިކުރަން ފަށައިފައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ މަޖިލިސް ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"މަޖިލީހަކީ ސަރުކާރުން ބޭނުންހާ ކަމެއް ކުރަން އޮންނަ ތަނެއް ނޫން. މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން،" ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ. އެގޮތުން ނަޝީދު މަގާމުން ދުރުކުރަން 44 ވޯޓު ބޭނުންވާނެއެވެ. އެއީ 87 މެމްބަރުން މެންބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމައެވެ.

މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ތަމްސީލް ކުރައްވާ 8 މެންބަރުން ތިއްބަވައެވެ.

މިއަދު މަޖިލިސް އިދާރާގައި ބޭއްވި އެމްޑީޕީގެ ޕީޖީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު ރައީސް ނަޝީދު އަމަލުކުރައްވާ ގޮތާ ގުޅިގެން ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ކަމަށެވެ.

"އޭޖީގެ އިތުބާރުގެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ރިޔާސަތުން ނިންމެވި ނިންމުންތަކާއި އެ މައްސަލަ ކުރިއަށް ނުގެންދެވި މުޅި މަޖިލިސް ހުއްޓުމަކަށް އަންނަ ހިސާބަށް ކަންތައްވަމުން ދިޔައީ ރިޔާސަތުން އަމަލުކުރާ ގޮތުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބޭނުންވާ ސޮއި ހަމަވުމުން މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި ޕެޓިޝަންގައި 50 އަށްވުރެ ގިނަ އެމްޑީޕީ މެންބަރުން ސޮއި ކުރައްވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.