ޖައުސާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓްސް އިން ހުޅުމާލޭގައި އިމާރާތްކުރާ 'ދަ ގާޑަންސް' އެޕާޓްމެންޓްތަކުގެ މަސައްކަތް ނިންމައި ބިމުގެ އަގު ދެއްްކުމަށް އާބަންކޯއިން 30 ދުވަހުގެ ނޯޓިހެއް ދީފި އެވެ.

އާބަންކޯ އިން މިއަދު ނެރުނު އެ ނޯޓީސްގައި ބުނީ 2017 ވަނަ އަހަރު ހުޅުމާލޭގައި މެދުފަންތީގެ ހައުސިން މަޝްރޫއު ހިންގުމަށް ޖާހު އިންވެސްޓްމަންޓާ ހަވާލު ކޮށްފައިވާ މަޝްރޫއު ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މައްސަލަ އިތުރަށް ބެލުމަށް ފަހު ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށާއި، އާބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީ ނޯޓިސް ދީފައިވާ ކަމަށެވެ.

ޖާހުގެ ފްލެޓުތަކުގެ މަސައްކަތް ނުނިމި ފަސް އަހަރު ވެފައިވާއިރު އެ ކުންފުނިން ވަނީ ފްލެޓުތައް ނިމޭނެކަމަށް އެކި ތާރީހު ދީފަ އެވެ. ނަމަވެސް މިހާތަނަށްވެސް އެ ފްލެޓުތަކުގެ މަސައްކަތް ނިމިފައި ނުވާއިރު މަޝްރޫއު ނިންމުމަށް އާބަންކޯ އިން ވަނީ ހަތަރު ފަހަރަށް މުއްދަތު އިތުރުކޮށްދީފަ އެވެ. އެންމެ ފަހުން ދިން މުއްދަތު ހަމަވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

މަޝްރޫއު ނުނިމި، އެތަނުން ފްލެޓު ގަތް މީހުންގެ ޝަކުވާ ބޮޑުވެފައިވާއިރު މަޝްރޫއުގެ މަސައްކަތް ކުރުމަށް ގެނެސްފައި ތިބި ބިދޭސީ މުވައްޒަފުންނަށް މުސާރަ އާއި ރަނގަޅު ކާނާ އަދި ބޭސްފަރުވާ ނުދީ މުވައްޒަފުންގެ ޕާސްޕޯޓުތައްވެސް އެ ކުންފުނިން ހިފެހެއްޓުމުން މިދިޔަ ޑިސެމްބަރު މަހުގެ އެކި ދުވަސްމަތިން މުވައްޒަފުން ވަނީ އިހުތިޖާޖުވެސް ކޮށްފަ އެވެ.