ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް އެބައޮތް ކަމަށާއި ރިޔާސީ އިންތިހާބު އެއް ބުރުން ރައީސްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން، އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިދިޔަ ހޮނިހިރު ދުވަހުން އިއްޔެ މެންދުރާ ހަމައަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
އެގޮތުން، މި ސަރުކާރުން ގެނެސްދީފައިވާ ތަރައްގީއާއި ކުރީ ސަރުކާރުތަކުން ރައްޔިތުންނާ މެދު އަމަލުކޮށްފައިވާ ގޮތް ރައްޔިތުން އަޅައި ކިޔާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
"ސިޔާސީ ފިކުރުގައި ހިޔާލުތަފާތުވުންތައް ހުރިނަމަވެސް ވަރަށް ސާފުކޮށް ހުރިހާ ރައްޔިތުންނަށް އެބަ އެނގޭ މި ފަސް އަހަރު ރާއްޖޭގައި އޮތް ސްޓެބިލިޓީ، އަނިޔާވެރިކަން ނެތްކަން. ތަރައްގީ ހަމަ ދުވަހަކު ކުރިއަށްނުދާ ވަރަށް ހުރިހާ ރަށެއްގައި ކުރިއަށް މިދަނީ. ހުރިހާ ރަށެކޭ ދަންނަވާއިރު ދެތިން ރަށެއްގައި ބޭނުންވާ ސްޕީޑުގައި ނުގޮސް ހުރެފާނެ" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، މި ސަރުކާރުން ގެންގުޅެނީ ވަރަށް އެމްބީޝިއަސް އެޖެންޑާއެއް ކަމަށާއި ނަމަވެސް ކުރީ ސަރުކާރުތަކުން ރައްޔިތުންނަށް ބޭނުންވާ ކަންކަން ނުކޮށްދީ ހުރުމުން ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުން ހުރިހާ ކަމެއް އެއްފަހަރާ ކުރާއިރު ލަސްވާ ފަހަރުވެސް ދާކަމަށާއި އަދި ކޮވިޑާ ގުޅިގެންވެސް ލަސްތަކެއްވި ކަމަށެވެ.
"މިހާ ހިސާބަށް ދިވެހިރާއްޖޭގައި ކުރި އެންމެ ރަނގަޅު ވެރިކަމަކީ މިއީކަމަށް ރައްޔިތުން ގަބޫލުކުރޭ. އެންމެ ތަރައްގީ ގެންނަ ވެރިކަންކަން މީ. އެހެންކަމުން އަޅުގަނޑުމެންނަށް ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރު ކުރޭ. އެހެންވީމާ އަޅުގަނޑުމެންނެއް ކަންބޮޑެއް ނުވޭ އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ގޮސްގެންނޭ ކިޔާފައެއް އެއް ބުރުން ކާމިޔާބު ނުކުރެވޭނެ ސަބަބެއް ނެތް" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ތެރެއިން ބަޔަކު ވަކިވިނަމަވެސް އެކަމުގެ މާ ބޮޑު ގެއްލުމެއް ޕާޓީއަށް ނުކުރާ ކަމަށެވެ. މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕާޓީއަށް މެންބަރުން އިތުރުކޮށް ޕާޓީ ވަރުގަދަކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު